ޗައިނާގެ ފަތުރުވެރިންނަށް އެންމެ ހިތްގައިމު މަންޒިލަކީ ރާއްޖެ ކަމަށް ހެދޭނީ ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށްގެން ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޒިންހުއާ ނިޔުސް އެޖެންސީއަށް ދެއްވި ބަސްދީގަތުނެއްގައި ޝާހިދު ވިދާޅުވީ މިހާރުވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާއިން ކަމަށްވާއިރު އެމީހުންނަށް ބޭނުންވާނެ ޚާއްޞް ޚިދުމަތް ލިބޭ ގޮތަށް ރާއްޖޭގައި ޗައިނާގެ ޘަޤާފަތާ އެއް ގޮތް ރިޒޯޓުތައް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ދެ ޤައުމުގެ މެދުގައި ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޗައިނާގެ އިތުރު އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ މުހިންމުކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނަށް ޗައިނާ އިން ފުރުޞަތުތައް ހުޅުވާލައިދީފައިވާކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރ ޝާހިދު ވަނީ ދާދިފަހުން ޗައިނާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވައިފައެވެ. އެދަތުރުފުޅުގައި ޝާހިދު ވަނީ ޗައިނާ އަކީ ރާއްޖޭގެ އިޤްޠިޞާދީ ކުރިއެރުމަށް އެންމެ މުހިންމު ބައިވެރިޔާކަންވެސް ފާހަގަ ކުރައްވައިފައެވެ.