ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު، ޕާކިސްތާނަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެޤައުމުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހު މަޙްމޫދު ޤުރޭޝީއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނުގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމުގައި އެތައް ބައަކު މަރުވެ، ގިނަ ބައަކު ޒަޚަމްވެ އަދި އިމާރާތްތަކަށް ގެއްލުންތައް ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއިއެކު ކަމަށެވެ. އަދި މިހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަމަށް ވިދާޅުވެ، މި ޙާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.