ރައްޔިތުންނާއި ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ރައްޔިތުންނާއި ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ: ރައީސް ޞާލިޙް

މައުނަވީ ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫންކަމަށާއި އެއިގެ އިތުރުން ރައްޔިތުންނާއި ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ނިއުޔޯކުގައި ކުރިއަށްދާ އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވީ ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ މި ޒިންމާއަކީ ކުޑަ ޒިންމާއެއްގެ ގޮތުގައި ނުނަންގަވާނެކަމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރަމުން ގެންދާ ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން މުއައްސަސާތައް ވަރުގަދަކުރުމާއި، ލާމަރުކަޒުކުރުމާއި، ވެށި ހިމާޔަތްކުރުމާއި ޢަދުލު އިންސާފު ކަށަވަރުކުރުމަށް ޤާނޫނީ އޮނިގަނޑުތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އ.ދ. އުފެދިފައި ވަނީ ފަނާކުރަނިވި ދެ ހަނގުރާމައެއްގެ ސަބަބުން އަނދާއަޅިއަށް ވެގެންދިޔަ އެތައް މިލިއަން އިންސާނުންގެ ނެތިދިއުމުގެ ތެރެއިން ކަމަށާއި، އ.ދ. ގެ އަސްލު ބިނާވެފައި ވަނީ އިންސާނީ މިނިވަންކަމުގެ މަތިވެރިކަމާއި އަމިއްލަ ޤައުމިއްޔަތެއް ބިނާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭ އަސާސް ތަކެއްގެ މައްޗަށް ކަމަށްވާތީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކަށްވެސް ބަސްބުނުގެ އިޙުތިޔާރު ލިބިދޭކަމަށެވެ.  

އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު މި ތަޤުރީރު ކުރެއްވީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ނުކުރައްވާތާ 7 އަހަރަށް ފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު ތަޤުރީރުކުރެއްވީ ޢާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 6 ވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އ.ދ.ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ތަޤުރީރުގައި ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޢާދަވުމުގެ މަގަށް ދަތުރުފެށިފައިވާތީ އެކަމާ އުފާފުޅު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ޚުދުމުޚްތާރު ވިސްނުންތަކާ ދެކޮޅަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން