ޓެރަރިޒަމާ ދީނީ ހަރުކަށިކަން ފެތުރުމުގައި އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ޓެރަރިޒަމާ ދީނީ ހަރުކަށިކަން ފެތުރުމުގައި އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް ޞާލިޙް

ޓެރަރިޒަމް ފެތުރުމަށާއި، ދީނީ ހަރުކަށިކަން ފެތުރުމުގައި އިންޓަނެޓްގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. 

ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނު މި ޔަޤީންކަން ދެއްވީ އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ. 

މި ކޮންފަރެސްންގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ހައްދުފަހަނައަޅައި ދިޔުމާއި ޓެރަރިޒަމް ހުއްޓުވުމުގައި ކުރިން ބޭނުންކުރަމުން ގެންދިއަ ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާއެއް ފެނިފައި ނުވާކަން ފާހަގަކުރައްވައިފައެވެ. އަދި، އެ ފިޔަވަޅުތަކަކީ އިޖްތިމާޢީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނައަޅާ ދާންޖެހޭ ސަބަބުތަކަށް ރިޢާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނަސްލީ ތަފާތުކުރުމާއި، އަނިޔާވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުރިހާ ސަރުކާރުތަކަކަށް ގޮވާލައްވާފައެވެ. 

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ޚާއްޞަ ކުންފުނިތަކާއި ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދެއްވާނެކަމުގައެވެ. އަދި، މިހާރުވެސް މިގޮތަށް ޢަމަލުކުރަމުންދާ ޤައުމުތަކަށް ތަޢުރީފުކުރައްވައި، ރާއްޖެއިން ވެސް އަނިޔާވެރިކަމާއި، ހައްދުފަހަނައަޅައި ދިއުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާއި ޝާއިޢުކުރެވޭ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން، މަރާލާފައިވާ ރާއްޖޭގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ ހާދިސާއަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތައް ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންތައްތައް ރާއްޖެއަށްވެސް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އެފަދަ ހިތްދަތި ހިތާމަވެރިކަމެއް އެހެން ދިވެހި ޢާއިލާއެއް ތަޙައްމުލުކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރުކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މި ކޮންފަރެސްންގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖެއިން ޓެރަރިޒަމް ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. މިގޮތުން، މިހާރު ޢަމަލުކުރަމުން ގެންދާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެޤާނޫނަށް މި ބަދަލުތައް ގެނައުމުން ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ކޮންމެ މީހެއްގެ ވެސް އެންމެ އަސާސީ ޙައްޤުކަމުގައިވާ މިނިވަންކަމުގެ ޙައްޤު ދެމެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއަހަރުގެ ކުރީކޮޅު ކްރައިސްޓްޗަރޗްގައި ދިން ޓެރަރިސްޓް ހަމަލާއަށް ބިނާކޮށް ނަން ދެވިފައިވާ "ކްރައިސްޓްޗަރޗް ކޯލް" އަކީ ޓެކްނޮލޮޖީ ކުންފުނިތަކާއި ގުޅިގެން ދީނީ ގޮތުން ހައްދުފަހަނައަޅާ ދިޔުމަށް އެހީވެދޭ ފަދަ ލިޔުންތައް އޮންލައިންކޮށް ދައުރުވުން ހުއްޓުވުމަށް ސަރުކާރުތަކުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އާއިއެކު ޖޯޑަންގެ ރަސްގެފާނާއި، ފްރާންސްގެ ރައީސާއި، ނިއުޒިލެންޑްގެ ބޮޑުވަޒީރާއި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވެސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިއަދު އޮންލައިން