ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 2މ 12ސ
ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ޤައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމުގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.) އަކީ ރާއްޖެއާ އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އިތުރު ޤައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.

ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި މީގެ ކުރިން ދެ ޤައުމުން އިޤްތިޞާދީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށި ދެ ޤައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސް ވަނީ، ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ "ކްލައިމެޓް އެކްޝަން ސަމިޓް" ގައި އިންޑިއާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރުވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އައި.އޯ.ސީ.ގެ ބައްދަލުވުމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވައި އެމަނިކުފާނުވަނީރައީސް އަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އ.ދ.ގެ ޢާންމު މަޖިލީހަކީ މިކަން ކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި، އިންޑިއާގެ ބޮޑުވަޒީރުވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ން އިތުރަށް ދަމަހައްޓައި، މި ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިއަދު އޮންލައިން