މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގަ ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ސަރުކާރުން ކަންކަން ކުރިއަށްގެންދަވާނެ ގޮތްތަކާއި އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށްޓަކައި ކުރަންޖެހޭ ކަންކަމާއި އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވަޒީރުންގެ މަޖުލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަންތަކެއް ހިމެނޭގޮތަށް ހިނގި މި ހާދިސާއާ ގުޅިގެން މަޝްވަރާކުރުމަށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ބާއްވަވާފައި ވަނީ މިރޭ މުލީއާގޭގައެވެ.
މިރޭގެ މި ޖަލްސާގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކުގެ ކަންކަން ކުރިޔަށްގެންދެވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެ ތެރޭގައި މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ނިންމެވިއެވެ. އަދި މިރޭގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދަވަން ވަޒީރުންގެ މަޖުލީހުގައި ނިންމެވިއެވެ.
ވަޒީރުންގެ މަޖްލީހުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރު ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ.