އދ ގައި ދިވެހިބަހުން ތަޤްރީރްކޮށްދެއްވުމަށް ގިނަ ބައަކު އެދެމުންދާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އދގައި ދިވެހިބަހުން ތަޤްރީރުކޮށް ދެއްވުމަކީ ދިވަހި ބަހަށް ލިބިގެންދާނެ މަތިވެރި ޝަރަފެއްކަމަށް ބުނެ ދިވެހި ބަހުގެ އެކަޑަމީންވެސް އެކަމަށް އެދިފައިވާ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެކަމުގައި އަދި އެމަނިކުފާނު ވަކި ގޮތެއް ނުނިންމަވާ ކަމަށާއި އެމަނިކުފާނުގެ ތަޤްރީރު ލިޔެފައި އޮތީ އިނގިރޭސިބަހުން ކަމަށެވެ.
އދ ގައި އެންމެފަހުން ތަޤްރީރު ކުރެއްވި ދިވެހިރާއްޖޭގެ ރައީސަކީ ރައީސް ޑރ. މުޙައްމަދު ވަޙިދު ޙަސަން އެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި ރައީސް ޔާމީން އދގައި ތަޤްރީރުކުރައްވާފައެއް ނުވެއެވެ.
ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރުވެސް އދގައި ތަޤްރީރުކުރައްވާފައެއް ނުވެއެވެ. ނަމަވެސް ރައީސް މައުމޫން އާއި ރައީސް ނަޝީދު ވަނީ އދގައި ތަޤްރީރުކުރައްވާފައެވެ.