ފަތުހު ޖަމާއަތުގެ އެމްޑީ މުސްތަފާގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމާމެދު ސުވާލުތަކެއް!

ކިޔުމަށް ހޭދަވާނީ 3މ 1ސ
ފަތުހު ޖަމާއަތުގެ އެމްޑީ މުސްތަފާގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމާމެދު ސުވާލުތަކެއް!

ޙައްޖުގެ މާތް އަޅުކަން ކުރުމަށް ގެންގޮސްދޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށް ބުނެ، ފަތުހު ޙައްޖު އެންޑް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓާރ މ. އެކްސަލް މުސްތަފާ މުޙައްމަދު ދީދީގެ މައްޗަށް، ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި މިމައްސަލަ ހައިކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފުވެސް ކޮށްފައެވެ.

މީގެ ހަތަރު އަހަރު ކުރިން 2015 ވަނަ އަހަރު މުސްތަފާގެ މައްޗަށް އެދައުވާ އުފުލާފައިވަނީ ޙައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 112 މީހެއްގެ އަތުން 6.7 މިލިއަަނަށްވުރެ ގިނަ ރުފިޔާ ނެގުމަށްފަހު، އެމީހުން ޙައްޖަށް ގެންގޮސްދީފައި ނުވުމުގެ ސަބަބުންނެވެ.

މިކަމުގެ ސަބަބުން ސަރުކާރުން އެމީހުން ޙައްޖަށް ފޮނުވަން ޚަރަދުގެ ގޮތުގައި ހިނގި 6.6 މިލިއަނަށްވުރެ ގިނ ރުފިޔާ ވެސް މުސްތަފާގެ އަތުން ހޯދުމަށް ވެސް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.

މުސްތަފާގެ މައްޗަށް އެމައްސަލަ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނީ 2018 ވނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ކޮށްފައިވާ އެހުކުމުގައި ބުނެފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި މުސްތަފާ ދެއްކެވި ވާހަކަތަކަށް ބާރުލިބޭ ދިފާއީ ހެކިން ހެކިބަސް ދީފައިވާ ކަމަށާއި އެކަން ނަފީކުރުމަށް އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އެމައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި އިއްޔެ ފަށާފައިވާއިރު، މުސްތަފާގެ ދިފާއި ވަކީލް ނޫރުއްސަލާމް ވަނީ އެ މައްސަލައިގެ އިސްތިއުނާފް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސަބަބެއްގެ ގޮތުގައި ނޫރުއްސަލާމް ފާހަގަ ކުރެއްވީ އިސްތިއުނާފް ކުރުމަށް އޮތް މުއްދަތު ފަހަނައަޅާ އެތައް ދުވަހެއް ފަހުން އެ މައްސަލަ ހައި ކޯޓަށް އިސްތުއުނާފަށް ހުށަހަޅާފައިވުމެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 27 ގައި ކަން އެނގެން އޮންނަ ކަން ނޫރުއްސަލާމް ފާހަގަކުރެއްވި އެވެ.

ފަތުހު ޖަމާއަތުގެ އެމްޑީ މުސްތަފާ، ޙައްޖަށް ފޮނުވާދޭނެ ކަމަށްބުނެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާތަކެއް ނެގިކަމަށް ބުނާ ދައުވާގެ އިސްތިއުނާފް އަޑުއެހުމެއް ހައިކޯޓުގައި ތާވަލު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ޕީޖީ ބިޝާމް އާއި ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ވެސް ވަނީ މިދިޔަ އޯގަސްޓް މަހު ސުވާލު ކުރައްވާފައެވެ. ކޮމިޓީއަށް ޖަވާބު ދެއްވަމުން ބިޝާމް ވިދާޅުވެފައިވަނީ އެމައްސަލަިގެ އިސްތިއުނާފް އަޑުއެހުމެއް ބޭއްވުމަށް ހައިކޯޓަށް ފިނުވާފައިވާތާ ތިން މަސްވަރު ހަމަ ޔަގީނުންވެސް ވެދާނެ ކަމަށެވެ.

ނަމަވެސް މުސްތަފާ، މީގެ ހަތަރު އަހަރު ކުރިން އެގޮތަށް ފައިސާ ހޯދި އާއިލާއަކުން މިކަން ދޮގުކުރެއެވެ. ނަންހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން އޭގެން އެކަކުގެ ދަރިއަކު ބުނީ، އެމައްސަލައާއި ގުޅިގެން އަވަސް ފިވަޅެއް އަޅައިދެއްވުމަށް އެދި ޕީޖީ އޮފީހަށް ސިޓީ ފޮނުވި ކަމަށާއި، ނަމަވެސް ސިޓީގެ ޖަވާބުގެ އެއޮފީހުން ބުނެފައިވަނީ އެކަމާއި ގުޅޭގޮތުން "ދޭން ޖެހޭނެ ޖަވާބެއް ނޯންނާނެ" ކަމަށެވެ. އަދި އިސްތިއުނާފަށް ހުށަހެޅި ތާރީޚް އޮޅުވާލައްވަން ޕީޖީ މަސައްކަތްޕުޅު ކުރައްވަނީ ކީއްވެތޯ ސުވާލު ކުރައްވަމުން އޭނާ ބުނީ، އިސްތިއުނާފަށް ހުށަހެޅިތާވާނީ އެއް މަސް ދުވަސްވަރު ކަމަށެވެ.

އިސްތިއުނާފްގެ ތާރީހުތަކުގައި އޮޅުމެއް އުޅޭ ކަން ފާހަގަކޮށް މައްސަލަ ބަލާ ބެންޗުން ނިންމެވީ، އިޖުރާއީ ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ އިތުރަށް ބެލުމަށް ޝަރީއަތް މެދުކަނޑާލުމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެ އެވެ.

 

 

 

މިއަދު އޮންލައިން