280 މީހުންނާއެކު އިޓަލީގެ ވެރޯނާގައި 11 އޮކްޓޫބަރު2009 ގައި ހަދާފައިވާ ފީނުމުގެ ދުނިޔޭގެ ރެކޯޑު ދިވެހި ރާއްޖެއިން މުގުރާލަން ނިންމައިފިއެވެ.
މިކަމާގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނައިގެން، ރާއްޖޭން ހަދާ ދުނިޔޭގެ ރެކޯޑު ހެދުމުގެ އިވެންޓު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށާއި އުންމީދު ކުރަނީ ވީހާ ވެސް ގިނަ މީހުން މި އިވެންޓުގައި ބައިވެރިވުން ކަމަށެވެ.
އަންނަ މަހުގެ އެއްވަަނަ ދުވަހު ބަރޮސް އައިލެންޑް ރިސޯޓުގެ ފަޅު ތެރޭގައި މި އިވެންޓު ކުރި އަށް ދާއިރު "ގިނިސް ވޯލްޑް ރެކޯޑު" ގެ އޮފިޝަލުން ވެސް ބައިވެރިވާނެ ކަމަށާ، ރާއްޖޭން މަސައްކަތް ކުރަނީ އެއް ފަހަރާ 500 މީހުންނާއެކު ދުނިޔޭގެ އާ ރެކޯޑެއް ހެދުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އިވެންޓްގައި ބައިވެރިވާން ބޭނުންވާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ 18 އަހަރުވެފައިވުމާއި، ސިއްހީ ގޮތުން ފިޓު މީހަކަށް ވުމާއި، 3 މީޓަރު (9.10 ފޫޓު ފުނަށް) ފީނުމުގެ ގާބިލްކަން ހުރުމާއި، ނޭވާ ނުލައި 13 ސިކުންތަށް ވުރެ ގިނައިރު އަޑީގައި ހުރުމުގެ ގާބިލްކަން ހުރުމާއި އަދި 50 މީޓަރު (164.042 ފޫޓަށް) ފެތުމުގެ ކުޅަދާނަކަން ހުރުމެވެ.