ސީރިޔާގައި ތިބި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން 2 މަސް ދުވަސް ތެރޭ ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށްޓަކައި އެހީތެރވެދޭން މަސައްކަތް ކުރާ ޤައުމަކުން ވަރަށް އަވަހަށް ރާއްޖެ އައިސް މަޝްވަރާ ކުރާނެ ކަމަށާއި އަދި ވަރަށް އަވަހަށް ރާއްޖެ އަންނަން ބޭނުންވާ ދިވެހިން މިހާރު ތިބި ތަނުން އެހެން ޤައުމަކަށް ގެންދެވޭނެ ކަމަށެވެ.
"އެމީހުން އެވަނީ ވަރަށް ނުރައްކާތެރި ހަނގުރާމައެއް ހިނގާ ތަނެއްގަ އުޅެފަ. އެމީހުން ރާއްޖެ ގެނެސް ރިހިބިލިޓޭޓް ކުރަން ޖެހޭ. އެކަމަށް ހަދާ އިމާރާތުގެ މަސައްކަތް ދަނީ ނިމެމުން. 2 މަސް ތެރޭ މަސައްކަތް ނިންމައި އެމީހުން ރާއްޖެ ގެނެވޭނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސީރިޔާގެ ކޭމްޕުގައި ދިވެހި ކުޑަކުދިން ވެސް ތިބުމުން އެމީހުން ގެނެސްދިނުން އަވަސްކޮށްދފިނުމަށް ޢާއިލާތަކުން ދަނީ އެދެމުންނެވެ.