ރައީސް ޔާމީނުގެ ވެރިކަމުގައި ރިޒޯޓް ތަރައްޤީކުރަން ދޫކުރި ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާއިން ދައުލަތަށް ނުލިބިވަނީ 91 މިލިއަން ޑޮލަރު ނޫން ކަމަށާއި 220 މިލިއަން ޑޮލަރު ލިބެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ 60 އަށްވުރެ ގިނަ ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށެވެ. އެގޮތަށް ނުއަގުގައި ދޫކުރި އިރުވެސް ސަރުކާރަށް ލިބެން ޖެހޭ ފައިސާއިން 128 މިލިއަން ޑޮލަރު "ނުނަގައި" ދޫވެފައިވާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވީ މީގެ ތެރެއިން 12 ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ބައެއް ރަށްތައް ތަރައްޤީކުރަމުން އެބަ ގެންދާ ކަމަށެވެ. މަސައްކަތް ނުފަށާ ރަށްތަގެ އެއްބަސްވުންތަކުގެ ތެރެއިން ބާޠިލު ކުރެވެން ހުރި އެއްބަސްވުންތައް ބާޠިލުކުރައްވަމުން ގެންދަވާ ކަމަށެވެ.