ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޗައިނާގެ ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޗައިނާގެ ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ޗައިނާގެ ނައިބު ރައީސް ވަންގް ގިޝާންއާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. 

ބެއިޖިންގެ ޒިގުއަން ޕެވީލިއަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނައިބު ރައީސްއާއި މިނިސްޓަރ ޝާހިދު ވަނީ ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޗައިނާއަށް އައިސްފައިވާ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީއަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޗައިނާ ސަރުކާރަށް މަރުޙަބާ ދެންނެވިއެވެ. އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި މަރުޙަބާ ވިދާޅުވެ، "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ހިފަހައްޓާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. 

ޗައިނާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ދިވެހިރާއްޖެއަކީ މުހިއްމު ޤައުމެއްކަން ފާހަގަކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގެންފައި މިވަނީ ރަަސްމީ ދަތުރުފުޅެއްގައެވެ. މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު އަދި އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤެވެ.

މިއަދު އޮންލައިން