ވައިގެމަގުން ބަންގްލަދޭޝްއިން ރާއްޖެއައި އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް ބުނީ މިމަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެއައި މި މީހާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.69 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 2,948,000.00 (ދެ މިލިއަން ނުވަލައްކަ ސާޅީސް އަށް ހާސް) ރުފިޔާއަށް އަރާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.