ރާއްޖޭގެ ހޮސްޕިޓަލް ތަކުގައި ޓިބީ ބަލި ދެނެގަތުމަށް ޓެސްޓް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ޑަބްލިއު އެޗް އޯ އިން ހެލްތް މިނިސްޓްރީ އަށް ހަދިޔާ ކުރައްވާ ޖީން އެކްސްޕާރޓް މެޝިން ޙަވާލުކޮސްފިއެވެ.
މެޝިންތައް ޙަވާލުކުރީ ހެލްތް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން ޓީ.ބީއަށް ހެދޭ ޓެސްޓުން، 2 ގަޑިއިރުގެ ތެރޭގައި މީހެއްގެ ކުޅުގައި ޓީ.ބީގެ ޖަރާސީމު ހުރިތޯއާއި، ޓީ.ބީއަށް ބޭނުންކުރެވޭ ބައެއް ބޭހަށް ރެސިސްޓެންޓްކަން ނުވަތަ ނޫންކަން ދެނެގަނެވެއެވެ. މިއީ މިހާރު ކުރެވޭ ޓެސްޓްތަކާއި، އަޅާ ބަލާއިރު ވަރަށްބޮޑު ކުރިއެރުމެކެވެ.އާއްމުކޮށް ޓީ.ބީ ބަލި ޖެހިފައިވޭތޯ ބަލަނީ ތިން ދުވަސް މަތިން ކުޅުނަގައި، އޭގައި ޖަރާސީމު ހުރިތޯ ބެލުމާއި، އެކްސް ރޭ އިންނެވެ. ޖީން އެކްސްޕާރޓް މެޝިން ބޭނުންކޮށްގެން ހެދޭ ޓެސްޓް ތަކުން އަވަހަށް ޓެސްޓްގެ ނަތީޖާ ލިބި، ބަލިމީހާގެ ހަށިގަނޑުގައި ބޭހަށް ނުގުޑާ ޓީ.ބީ ގެ ޖަރާސީމް ހުރިކަން ނުވަތަ ނެތް ކަން ވެސް އެނގިގެންދެއެވެ. އަދި މިކަމުގެ ސަބަބުން، ބަލި މީހާއަށް ދޭން ޖެހޭ ފަރުވާ ވީހާވެސް އަވަހަށް ފެށި، ޓީ.ބީ ބަލިން ބަލި މީހާ އަދި މުޖްތަމައު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ.
ދިވެހިރާއްޖެއަކީ ޓީބީ ނައްތާލުމަށް ޤައުމީފެންވަރުގައި އަހައްމިޔަތުކަން ދީފައިވާ ޤައުމެއްގެ ގޮތުގައި ސަރަޙައްދީ ފެންވަރުގައި ފާހަގަވެފައިވެއެވެ. މިގޮތުން 2022ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް ޤައުމީ އިސްތިރާޖީއެއް އެކުލަވައިލާ ފެބްރުއަރީ 2018 ގައި މި ކަމުގެ މަސައްކަތްތައް އިފްތިތާޙް ކުރެވެފައިވެއެވެ.
ޓީބީ އަށް ޓެސްޓް ކުރެވޭ އެންމެ ފަހުގެ ވަސީލާތްތައް ބޭނުންކޮށްގެން ޓީބީ ބަލި ދެނެގަނެ ފަރުވާގެ ކަންތައް ކުރިޔަށް ގެންދިއުމުގެ ގޮތުން މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ރާއްޖޭގެ 2 ސަރަޙައްދުގައި (ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި) ޖީންއެކްސްޕާރޓް މެޝީން ބެހެއްޓި ޚިދުމަތް ވަނީ ފެށިފައެވެ. މީގެ ކުރިން ޖީން އެކްސްޕަރޓްގެ ޚިދުމަތް ދެމުން ގެންދިޔައީ ހަމައެކަނި އައި.ޖީ.އެމް.އެޗްގައެވެ.
ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތަށް ލަފާ ދިނުމަށް މިނިސްޓަރ އޮފް ހެލްތު ވަނީ ހައިލެވެލް ނެޝަނަލް ސްޓިއަރިންގ ކޮމިޓީއެއްއެކުލަވާލައްވައިފައެވެ. މީގެ އިތުރުން ޓީބީ އާއި ބެހޭ މަޢުލޫމާތު ފަތުރާ، ގިނަ އަދަދެއްގެ ބަޔަކު ޓީބީ އަށް ސްކްރީންކޮށް، އަދި ފަރުވާ ދިނުން ހިމެނޭގޮތަށް ކުރިޔަށް ގެންދާ ޤައުމީ ކެމްޕޭނެއް ދުނިޔޭގެ ޓީބީ ދުވަހު ވަނީ ފެށިފައެވެ.
ޓީ.ބީ އަކީ ބަލީގެ ކުރީކޮޅު ދެނެގަނެވި، ރަނގަޅަށް ފަރުވާ ފުރިހަމަ ކޮށްފިނަމަ މުޅިން ފަސޭހަ ކުރެވޭ ބައްޔެކެވެ. އަދި ބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައްވެސް އެބަހުއްޓެވެ. އެހެންކަމުން ރާއްޖެއިން ޓީ.ބީ ނައްތާލުމަށް ކުރެވޭ މަސައްކަތުގެ މައިގަނޑު އަމާޒަކީ ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، އެކަށީގެންވާ ފަރުވަ ފޯރުކޮށްދިނުމާއި، ބަލީގެ ޖަރާސީމުގެ އަސަރުކޮށް އެހެންނަމަވެސް އަދި ބަލި ނުޖެހޭ މީހުން (ލޭޓެންޓް ޓީ.ބީ) ދެނެގަނެ، އެމީހުންގެ ހަށިގަނޑުން ޖަރާސީމު ނައްތާލުމަށް ފަރުވާ ކުރުމާއި، އަދި ބަލިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން މަގުފަހިކޮށްދީ، ބައްޔާމެދު މުޖުތަމައު ހޭލުންތެރި ކުރުވުމެވެ.
ޓީބީ އަކީ، އެބަލިން ރައްކާތެރިކޮށް އަދި ބަލިޖެހޭ މީހުން އަވަހަށް ދެނެގަނެ، ފުރިހަމަ ފަރުވާ ދެވިއްޖެ ނަމަ، އެކަމަށް ޚަރަދުކުރާ ކޮންމެ ޔޫއެސް ޑޮލަރަކަށް،ރިޓަރން އޮން އިންވެސްޓްމެންޓް ނުވަތަ ފައިދާގެ ގޮތުގައި 43 ޑޮލަރުޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ވީމާ، ރާއްޖެއިން ޓީ.ބީ ނައްތާލުމަށް މިކުރެވޭ މަސައްކަތް ކާމިޔާބު ވެއްޖެނަމަ، މިއީ ހަމައެކަނި ސިއްހީ ގޮތުން ލިބޭ ކުރިއެރުމެއްގެ އިތުރަށް، ގިނަގުނަ އިޤްތިސާދީ ފައިދާވެސް ލިބިގެން ދާނެ ކަމެކެވެ. އެހެންނަމަވެސް މިކަން ކާމިޔާބު ކުރުމުގައި އެކި ދާއިރާތަކާއި، އަމިއްލަ ޖަމްއިއްޔާ ތަކާއި، ކުންފުނި ތަކާއި، ވަކި ވަކި ފަރުދުންގެ އެއްބާރުލުމާއި އެހީތެރިކަން ސިއްޙީ ދާއިރާއަށް ވަރަށް ބޭނުންވާކަމަސް ހެލްތް މިނިސްޓްރީން ބުނެއެވެ.