ދަޢުލަތުން ބަލަހައްޓާ ކުދިންގެ ޙާލަތު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މެޑަމް ފަޒްނާ ޔުނިސެފްގެ މަންދޫބާ މަޝްވަރާ ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދަޢުލަތުން ބަލަހައްޓާ ކުދިންގެ ޙާލަތު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މެޑަމް ފަޒްނާ ޔުނިސެފްގެ މަންދޫބާ މަޝްވަރާ ކުރައްވައިފި

ދަޢުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކުދިންގެ ދިރިއުޅުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އާއި ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑޮކްޓަރ ސަފިލްޑިން މަޝްވަރާކުރައްވައިފިއެވެ. 

މިއަދު ހެނދުނު މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ޑޮކްޓަރ މުނީރު ސަފިލްޑިން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ދަޢުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ކުށްކުރާ ކުޑަކުދިން އިޞްލާޙުކުރުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުން ހިމެނެއެވެ.

މިބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވެވި ކަންތައްތަކުގެ ތެރޭގައި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ބެލެނިވެރިންގެ ފުރިހަމަ ސަމާލުކަން އެކުދިންނަށް ދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، އެކުދިންނަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާރުއެޅުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި މެދު ހޭލުންތެރިކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުށްކުރާ ކުޑަކުދިން ބަންދުކުރާ ތަނަކީ އެކަށީގެންވާ ތަނެއްކަމުގައި ކަށަވަރުކުރުމާއި، އެކުދިން އިޞްލާޙުވުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުމާއިއެކު، އެފަދަ ކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާބެހޭ ދާއިރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ވެސް ދެބޭފުޅުން ވަނީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ބިލާއި، ޖުވެނައިލް ޖަސްޓިސް ބިލު ފާސްކޮށް އެޤާނޫނަށް ޢަމަލުކުރުން އަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފުން ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. 

ކުޑަކުދިންގެ ހިޔާތަކުގައި ތިބޭ ކުދިންގެ މައްސަލަތަކުގެ ވާހަކަތައް މީޑިއާތަކުން ހާމަކުރުމުން އެކަމާއި ޖެންޑަރ މިނިސްޓްރީން ރުޅިގަދަވި ނަމަވެސް އެ ތަންތަން ނުބެލެހެއްޓޭކަމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

 

 

މިއަދު އޮންލައިން