ކޮންމެހެން ބޭނުން ނުވާތަކެތި ގަނެ ޖަމާކުރުމަކީ ޝައިޠާނާގެ އަޚުންގެ ޢަމަލެއްކަން ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތް - ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކޮންމެހެން ބޭނުން ނުވާތަކެތި ގަނެ ޖަމާކުރުމަކީ ޝައިޠާނާގެ އަޚުންގެ ޢަމަލެއްކަން ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތް - ބިރުވެތިވޭ!

ބާޒާރަށް ދާއިރު އަތުގައި ފައިސާ ހުރިނަމަ ފެންނަހައި އެއްޗެއް ގަނެ ޖަމާ ކުރެއެވެ. އަދި ތިމާ ބޭނުންކުރާ ތަކެތި ގަތުމުގައިވެސް އިސްރާފް ކުރެއެވެ. ސެންޓާއި ހެދުމާއި މޭކަޕް ސާމާނާއި މިނޫންވެސް ތަކެތި ކިތަންމެ ގިނައިން ގަތް ނަމަވެސް ހިތް ނުފުރޭ ބައަކު އުޅެއެވެ. ހަމަ އެއާއިއެކު އެއްވެސް ބޭނުމެއް ނެތް ނަމަވެސް އަތުގައި ބަހައްޓައިލުމުގެ ބޭނުމުގައި ތަކެތި ގަނެ އެއްކުރާ މީހުންވެސް އުޅެއެވެ.

މިއިން ކޮންމެ ކަމަކީވެސް އިސްރާފް ކުރުމެވެ. އިސްރާފްކުރުމަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެކެވެ. އަދި ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ އިސްރާފް ކުރާ މީހުންނަކީ ޝައިޠާނާގެ އަޚުން ކަމުގައެވެ. އަލް އިސްރާ ސޫރަތުގެ މި ދެއާޔަތް ކިޔައިލާށެވެ! 

"ގާތްތިމާގެ މީހާއަށް، އޭނާގެ ޙައްޤު ދޭށެވެ! އަދި މިސްކީން އަށާއި (މިސްކީނުންނަށާއި)، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން އިސްރާފް ނުކުރާހުށިކަމެވެ! (އަލްއިސްރާ: 26)

ހަމަކަށަވަރުން، އިސްރާފް ކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރު ވާ ކަމުގައިވިއެވެ." (އަލްއިސްރާ: 27) 

މީސްތަކުންނޭވެ! ދުނިޔެ ގަނެއެއް ނުލެވޭނެއެވެ! ކިތަންމެ މުއްސަނދި ނަމަވެސް ހުސްވާނީ އަތުގައި ހުރި ފައިސާއެވެ. ކިތަންމެ ބޮޑު ބިލިއަނަރަށްވެސް ދުނހިޔޭގައި ހުރި ހުރިހާ ގަހަނާތަކެއްވެސް ނުގަނެވޭނެއެވެ. ގަނަގެންދާއިރަށް އައު ޑިޒައިންތަކަށް އުފައްދައި ބާޒާރަށް ނެރޭނެއެވެ. 

އަތުގައި ފައިސާ ހުރި ނަމަ ކުރަންވީ ކަންކަން ވެސް ﷲ ތަޢާލާ ވަނީ ވަޙިކުރައްވަވައިފައެވެ. އެ ފައިސާގެ ބޭނުންކޮށްގެން ފުރަތަމަ ވާން ޖެހޭނީ ޙައްޖެވެ. އެއަށްފަހު ޞަދަޤާތް ކުރާށެވެ! ކައިރިން ދުރަށެވެ. އެހީއަށް ބޭނުންވެގެން ތިބި މީހުންނަށެވެ. 

އިސްރާފް ކުރުމުގެ ހުރި ނުބައިކަން ބޮޑުކަން ނިކަން ވިސްނައިބަލާށެވެ! އިސްރާފްކުރާ މީހުންނާއިމެދު ވަޙީކުރައްވަވާފައި އެވަނީ އެއީ ޝައިޠާނާގެ އަޚުން ކަމުގައެވެ. ހަމަ އެއާއިއެކު ޝައިޠާނާގެ ހުރި ނުބައިކަންވެސް އެވަނީ ބަޔާން ކުރައްވަވައިފައެވެ. "އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރު ވާ ކަމުގައިވިއެވެ." ވަޙީ ކުރައްވަވާފައި އޮތުމުން ޝައިޠާނާގެ އަޚަކަށްވުމުގެ ހުރި ނުބައިކަން އެނގިގެން އެބަދެއެވެ. 

މީސްތަކުންނޭވެ! އަހަރަކު 2،3 ފަހަރު ފޯނުގެ އައު ސީރީޒްތައް ނުކުންނާނެއެވެ. ފުރަތަމަ ދުވަސްކޮޅު ވިއްކާނީވެސް ބޮޑު އަގުގައެވެ. ތިބާއަތުގައި ހަމަ ރަނގަޅު ފޯނެއް އޮއްވައި ފޯނެއް ގަތުމަކީވެސް ހަމަ އިސްރާފުކުރުމެވެ. ކޮންމެހެން ބޭނުން ނުވާހައި ގިނަ ފޯނު ގެންގުޅުމަކީވެސް ހަަމ އިސްރާފް ކުރުމެވެ. 

- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން