ރާއްޖޭގައި މިހާރު އަމަލުކުރަމުން ގެންދާ ޓެރަރިޒަމްގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތްތްކެއް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ "މިހާރު ޓެރަރިޒަމްގެ ޤާނޫނު އޮތްގޮތުން، އޭގެ އަޞްލު ޓެރަރިސްޓުންނާއި، ނޫނީވިއްޔާ ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މީހުންނާ ދިމާއަށް ދިއުމަށްވުރެ ބޮޑަށް އަމާޒުވެފައި އޮތީ މުޅިން އެހެން ދިމާއަކަށް."
ރައީސް ޞާލިޙް ވިދާޅުވީ ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް، އެ ޢަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި، ތަޙުޤީޤު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ޤާނޫނު ބަދަލުކުރަން އެބަޖެހޭ ކަމަށާއި ހަމައެއާއެކުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ވެސް އެބަހުރި ކަމަށެވެ. "ހައްޔަރު ކުރެވޭ މީހުން ބައިތިއްބޭނެ މުއްދަތު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެބައޮތް. ފުރަތަމަ ހައްޔަރުކުރުމަށްފަހުގައި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަންޖެހޭނެ ކަމާއި، އެންމެ ގިނަވެގެން ހައްޔަރުކޮށްފައި ބެހެއްޓޭނީ ވަކި މުއްދަތެއްގައިކަން އެބަ އެނގޭ" .
"އަޅުގަނޑުމެންނަށް އިއްޔެ ސާފުވެގެންދިޔައީ، މިފަދަ ބޮޑު ކަމެއް ޓެރަރިޒަމާ ގުޅޭ އަދި ދައުލަތުގެ މަޞްލަޙަތާ ގުޅޭ މިފަދަ ކަމެއްގައި ހައްޔަރު ކުރެވޭ މީހަކު، ތަޙުޤީޤުކޮށް ނިމި، އަދި ޝަރީޢަތް ނިމެންދެން އެއަށްވުރެ ގިނަ ދުވަހު ބަހައްޓަން ޖެހިދާނެ ޙާލަތެއް އަތުވެދާނެ ކަމަށް. އެހެންކަމަށްވަންޏާ، އެ ޖާގަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތެރެއިން ލިބިދޭންޖެހޭ ކަމަށް، ޕޮލިހަށާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލަށާއި، އަދި ކޯޓުތަކަށްވެސް".
"އެހެންވީމާ، އެ ބަދަލު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އިއްޔެ ފަށައިފިން. އިރާދަކުރެއްވިއްޔާ، މިއަދު މި ދެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އަޅުގަނޑާ ހިސާބަށް ގެނެވޭނެ ކަމަށް އަޅުގަނޑު މި ބަލަނީ. އެއާއެކީގައި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވައި، ވީހާވެސް އަވަހަކަށް އެ ދެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.