ގޭގެ އެންމެން ކީރިތި ޤްރުއާނަށް ލޯބިކޮށް، މަތިވެރިކުރާ ގެއަކަށް ﷲ ގެ ރަހްމަތްފުޅު ދާނީ އޮހެމުން!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ގޭގެ އެންމެން ކީރިތި ޤްރުއާނަށް ލޯބިކޮށް، މަތިވެރިކުރާ ގެއަކަށް ﷲ ގެ ރަހްމަތްފުޅު ދާނީ އޮހެމުން!: ޝައިޚް އަބޫބަކުރު ޒައުދު

އެގެއެއްގައި ކީރިތި ޤްރުއާން އުނގެނި، މުރާޖަޢާކޮށް، އެގެއެއްގެ އަހުލުވެރިން ކީރިތި ޤްރުއާނަށް ލޯބިކުރާ ނަމަ އެގެއަކަށް ﷲ ތަޢާލާގެ ރަހްމަތްފުޅު އިތުރު ކުރައްވަވާނެތެވެ. އެކަމުގެ ސަބަބުން އެގެއެއްގައި އޮންނާނީ ޞުލްހަވެރިކަމެވެ. އުފާ ފާގަތި ކަމެވެ. ފިތުނަ ފަސާދައިން އެގެއެއް ވާނީ ސަލާމަތްވެގެންނެވެ. 

ކޮންމެ ގެއެއްގައި ވެސް ކީރިތި ޤްރުއާނަށް ޚާއްޞަ ވަގުތު ކޮޅެއް ކަނޑައަޅާށެވެ. އެވަގުތުކޮޅުގައި ގޭގައި ދިރިއުޅޭ ކުދި ބޮޑު އެންމެން ހިމެނޭ ގޮތުން ވީހައި ގިނަ ބައަކު ބައިވެރިވެ ކީރިތި ޤްރުއާން މަތިވެރިކުރާށެވެ! 

ބައެއް ގޭގޭގައި އެކްނަ ހަދަނީ ހަމައެކަނި ކުޑަކުދިން ކުރަން ޖެހޭ ކަމަކަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ގޭގެ އެންމެންވެސް ބައިވެރިވާން ޖެހޭނެއެވެ. ބޮޑަށް އެނގޭ މީހުން އެހެން މީހުންނަށް ކިޔައިދީ އޮޅުންފިލުވައިދޭށެވެ! ގޭގައި އެންމެން އެކީ ތިބެގެން ބަލަންވީ ފިލްމެއް ނޫނެވެ. ކުޅެންވީ ގޭމެއް ނޫނެވެ. ކުރަންވީ ކަމަކީ ކީރިތި ޤްރުއާން މަތިވެރިކުރުމެވެ. 

ތިއަބައިމީހުން އަމިއްލައަށް ދިރާސާކުރާށެވެ! ކީރިތި ޤްރުއާން މަތިވެރިކުރާ ގެތަކުގެ މީހުން ދިރިއުޅޭނީ ޢާންމު ގޮތެއްގައި މާ އުފަލުގައެވެ. އެރަށެއްގެ މިސްކިތްތަކުގައި ކީރިތި ޤްރުއާން ކިޔަވައި މަތިވެރިކުރުން ގިނަ ނަމަ އެ ރަށަކަށް ތިޔާގި ކަމާއި އުފާ ފާގަތިކަން އިތުރުވާނެއެވެ. އެއީ އެބައެއްގެ މައްޗަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އޮހެމުންދާތީއެވެ.

މީސްތަކުންނޭވެ! ކީރިތި ޤްރުއާނުން ލިބި ނުގަނެވޭނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. އެމީހަކު ބޭނުން ފައިދާއެއް ޙާޞިލުކުރެވޭނެއެވެ. މާލީ ތަނަވަސްކަން ނަމަވެސް އަދި ބަލީގެ ޝިފާ ނަމަވެސް ލިބިގަނެވޭނެއެވެ. އުނގެނި ޢިލްމުވެރިވުން ނަމަ އެކަންވެސް ޙާޞިލުކުރެވޭނެއެވެ. 

ހިތާމައަކީ އެކަން ޤަބޫލުކުރެވޭ މީހުން މިއަދު މަދުވަމުންދާ ކަމެވެ. ގިނަ މީހުންނަށް ޤަބޫލު ނުކުރެވެނީ އެއްވެސް ނޫނެވެ. ފަރުވާ ކުޑަކުރެވެނީއެވެ. ވީމާ ކީރިތި ޤްރުއާނަށް ސަމާލުކަން ދިނުމަސް އެންމެން ގަދައަޅައި މަސައްކަތްކުރަން ފަށަމާ ހިނގާށެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ޚުޠުބާއަކުން

މިއަދު އޮންލައިން