ޞަޙާބީ ބޭކަލުން ތަނަކަށް ކުރެއްވި ދަތުރުފުޅެއްގައި ބޭކަލު ޖަމަލުމަތިން ވެއްޓިވަޑައިގެން ވަރަށް ބޮޑަށް ބޯފެޅުނެވެ. ހޭޢފުޅުވެސް ނެތުނެވެ. ނަމަވެސް ބާރަށް ފޮތިގަނޑަކުން އެއްސުމުން ހޭފުޅުއެރިއެވެ.
އެއަށްފަހު ނަމާދު ވަގުތު ޖެހުމުން ލިބިވަޑައިގެންފައިވާ އަނިޔާގެ ބޮޑުކަމުން އެބޭކަލަކު ބޭނުންފުޅުވީ ތަޔައްމަމް ކުރައްވައިގެން ނަމާދުކުރެއްވުމަށެވެ. ނަމަވެސް ތަޔައްމަމް ކުރެއްވެވޭނީ ފެން ނެތް ޙާލަތުގައި ކަމަށް ކީރިތި ޤްރުއާނުގައި އެބައޮތްކަމަށް އެހެން ބޭކަލުން ވިދާޅުވުމުން އެބޭފުޅުންގެ ބަސްފުޅު ޤަބޫލުކުރައްވަވައި ފޮތިގަނޑު މޮހެލައްވައި ވުޟޫ ކުރެއްވެވިއެވެ.
އެކަމުގެ ސަބަބުން ލިބިވަޑައިގެންނެވި ގެއްލުމުގެ ސަބަބުން އެބޭކަލަކު އަވަހާރަވުމުން އެބޭފުޅުން އެނބުރިވަޑައިގަތީ އެބޭކަލަކު ވަޅުފުޅުލެއްވުމަށް ފަހުގައެވެ. އެބޭކަލުން އެނބުރި ވަޑައިގަތުމުން ޞަޙާބީ ކޮބައިތޯ ރަސޫލް (ޞޢވ) ސުވާލުކުރެއްވެވުމުން ކަން ހިނގައިދިއަގޮތް ދެންނެވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެބޭކަލުން އެ ޞަޙާބީ ޤަތުލު ކުރެއްވެވި ފަދަ ކަމަށެވެ. އަދި ޔަޤީންވެވަޑައި ނުގަންނަވާ ކަންކަމުގައި ސުވާލުކުރައްވައި އޮޅުން ނުފިލުއްވެވީ ކީއްވެގެންތޯ ސުވާލު ކުރެއްވެވިއެވެ.
މިކަމުން އެނގިގެންދަނީ ކީރިތި ޤްރުއާނުގެ އާޔަތެއް އެނގުމަކުން އަދި ނުފުދޭ ކަމެވެ. ޙަދީޘްފުޅެއް އެނގުމަކުންވެސް ނުފުދޭ ކަމެވެ. ވަށައިގެން ގުޅި ލާމެހިފައިވާ ކަންކަން ދަސްކުރަން ޖެހޭ ކަމެވެ. ޢިލްމުވެރިންގެ އަރިހުން ކަންކަން ދަސްކުރަން ޖެހޭ ކަމެވެ.
ދީނުގެ ކަންކަން ތިމާއަށް އެނގޭ ކަމަށް ޤަބޫލުކުރެވި އިތުރަށް ދަސްކުރަން މަސައްކަތް ނުކުރުމަކީ ޖެހޭ ވަރަށް ނުރައްކައުތެރި ބައްޔެކެވެ. އެފަދަ ބައްޔެއް ޖެހުނަ ދީގެން ނުވާނެއެވެ. އެބަލިން ސަލާމަތް ވެވޭނީ ދީނުގެ ކަންކަން އިތުރަށް ދަސްކުރަން އަބަދުވެސް މަސައްކަތްކޮށްގެންނެވެ. ވީމާ އަހަރެމެން އަބަދުވެސް ވާން ޖެހޭނީ ދީނުގެ ކަންކަން އަބަދުވެސް އުނގެނި ދަސްކުރާ ބައަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން