ރާއްޖޭގެ ރައީސަކު އދ ގައި ތަގުރީރު ނުކުރައްވާތާ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ. ގެ އާއްމު މަޖިލީހުގައި މިފަހަރު ތަގްރީރު ކުރެއްވުމަށް ނިންމަވައިފިއެވެ.
ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އެންމެ ހާމަކަން ބޮޑު ގޮތެއްގައި ތަމްސީލުކޮށްދެވޭ ތަނަކީ އދ. ގެ އާއްމު މަޖިލިސް ކަމަށާއި މިފުރުސަތު ބޭނުން ނުހިފުމުން އޭގެ ގެއްލުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ކަމަށާއި އެގޮތުން މި ޖަލްސާގައި ރާއްޖޭގެ ރައީސަކު ފާއިތުވި ހަ އަހަރު ބައިވެރިވެ ވަޑައިގެންފައި ނުވުމަކީ ރާއްޖެ އަށް ލިބުނު އުނިކަމެއް ކަމަށެވެ.
ޑރ. އާސިމް ވިދާޅުވީ މި މަހުގެ 17 އިން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި އޮންނަ އދ. ގެ އާއްމު މަޖިލީހުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށާއި އަދި ތަގުރީރު ވެސް ކުރައްވާނެކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ވެސް އދ. ގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެން ތަގުރީރު ކުރައްވާފައެއް ނުވެއެވެ.