ގެސްޓްހައުސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރުމަށް ޓޫރިސްޓު ވިޒިޓާސް ސެންޓަރެއް އަނގޮޅިތީމުގައި އަޅަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ ރާއްޖޭގައި އަޅާ މިފަދަ ފުރަތަމަ އިމާރާތް ކަމަށާއި މި އިމާރާތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަނގޮޅިތީމަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ވެސް ވަރަށް މުހިންމު ރަށެއް ކަމަށެވެ. އެގޮތުން، މުސްތަގުބަލުގައި ނުކުންނަން ތިބި ސިޔާސީ ލީޑަރުންނަށާއި ޒުވާނުންނަށް ވެސް ރަނގަޅު ފިލާވަޅުތަކެއް ލިއްބައިދޭނެ ފަދަ ގޮތަކަށް، ޓޫރިސްޓް ވިޒީޓާ ސެންޓަރެއް އެ ރަށުގައި ހެދިދާނެކަން ފާހަގަކުރެއްވިއެވެ.
އަނގޮޅިތީމަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު އަރުވާލާފައި ހުންނެވި ރަށެވެ.