ބައެއް މީހުންނަށް އުފާލިބުނު ކަމަށްވަނީ ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް ކުރެވުމުންނެވެ. ކާން ބޭނުން އެއްޗެއް ކާން ލިބުމުންނެވެ. ބައްދަލުކުރަން ބޭނުންވާ މީހަކާއި ބައްދަލުކުރެވުމުންނެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކުރެވުމުންނެވެ. ނުވަތަ ތަނަވަސްކަން ލިބުން ފަދަ ކަމެއް މެދުވެރިވުމުންނެވެ.
ސުވާލަކީ ދުނިޔަވީ މިފަދަ އެއްވެސް ކަމަކުން އެއްވެސް މީހަކަށް ދާއިމީ އުފާވެރިކަމެއް ޙާޞިލުކުރެވުނު ހެއްޔެވެ؟
ބައެއް މީހުން ޗުއްޓީއެއް ހޭދަކޮށްލެވުމަކީ ބޮޑު އުފަލެއް ކަމުގައި ދެކެގެން އެކަމަށް ބޮޑެތި ޚަރަދުތައް ކުރެއެވެ؟ ސުވާލަކީ ޗުއްޓީ ނިމުމުން އުފާވެރިކަން ކޮބައިހެއްޔެވެ؟ ހަފްތާއެއްވާއިރު ހޯދި އުފާތައް ވަކިވެގެން ނުދޭ ހެއްޔެވެ؟
މިހުރިހާ ކަމަކުން ވެސް އެނގެނީ ދުނިޔަވީ އެއްވެސް އުފަލަކީ ޙަޤީޤީ އުފާވެރިކަމެއް ނޫންކަމެވެ. ބޭނުންވަނީ ޙަޤީޤީ އުފާވެރިކަން ކަމެވެ. ސުވާލަކީ ވަކި ނުވާނެ ހަޤީޤީ އުފާވެރިކަމަކީ ކޮބައިހެއްޔެވެ؟ އެކަން ހާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބު ވަރަށް ސާފެވެ. ޙަޤީޤީ އުފާވެރިކަން ޙާޞިލުކުރެވޭނީ އެމީހާގެ އީމާންތެރިކަމުންނެވެ. ތަޤްވާރިކަން އިތުރުކުރި ވަރަކަށް ލިބޭ އުފާވެރިކަން ދާނީ އިތުރުވަމުންނެވެ. ދެން ކުރާނެ ސުވާލަކީ އެކަމުގެ ހެއްކަކީ ކޮބައިހެއްޔެވެ؟
ޖަވާބު ހޯދަން ވަރަށް ފަސޭހަވާނެއެވެ. އަހަރެން ބުނާ ބަސް ޤަބޫލުކުރާނެ ކަމެއް ނެތެވެ؟ އަމިއްލައަށް މީހުންނާއި ސުވާލުކުރާށެވެ! ޙަޤީޤީ އުފާވެރިކަމުގައި ދިރިއުޅެނީ ދުނިޔަވީ އުފާތައް ޙާޞިލުކުރާ މީހުންތޯ؟ ނުވަތަ ތަޤްވާވެރިންތޯ؟ އަމިއްލައަށް އޮޅުންފިލުވާށެވެ! އެއިރުން މާބޮޑަށް ޔަޤީން ކުރެވޭނެއެވެ.
ފަރުޟު 5 ނަމާދާއި ސުންނަތް ނަމާދުތައްކުރަމުން ކީރިތި ޤްރުއާނާއިއެކު ވަގުތު ހޭދަކުރާ މީހުން ދިރިއުޅޭ އުފާވެރިކަމުގައި މިލިއަނަރުން ކީއްކުރަން ބިލިއަނަރުންނަށްވެސް ނުއުޅެވޭނެއެވެ. އަމިއްލައަށް ދިރާސާކޮށް މިއީ ތެދެއްކަން ނުވަތަ ނޫންކަން ނިކަން ބަލައިލަބަލާށެވެ!
ޢާއިލީ ދިރިއުޅުމާއިމެދު ވެސް ސުވާލުކުރާށެވެ! ޙަޤީޤީ އުފަލުގައި ދިރިއުޅެނީ މިލިއަނަރުންތޯ ތަޤްވާވެރިންތޯ އޮޅުން ފިލުވާށެވެ! ލޯބިން ހިތްހަމަޖެހިގެން އެކުގައި ދިރިއުޅެނީ ކޮންބައެއްކަން އެއިރުން ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ޔަޤީންކަމާއިއެކު ބުނަމެވެ. ތަޤްވާވެރިކަމުން މިދުނިޔޭގައިވެސް މީހާއަށް ލިބޭ ހިތްހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ! ވީމާ ޙަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުމަށް އެދޭނަމަ މި ބުނި ކަންކަމަށް ސަމާލުކަން ދޭށެވެ.
- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން