ޢުމަރުގެފާނު ހިޖުރީ ކަލަންޑަރު އެކުލަވައިލެއްވެވިއިރު ފުރަތަމަ މަސް ކަމަށް ކަނޑައަޅާނެ މަހަކާއިމެދު ވަރަށް ގިނަ މަޝްވަރާތައް ކުރެވުނެވެ. އެއްބައި ބޭކަލުން ބޭނުންފުޅުވީ އަހަރުގެ އެންމެ ޙުރުމަތްތެރިވެގެންވާ މަސް ކަމުގައި ރަމަޟާން މަހުން ހިޖުރީ އައު އަހަރުގެ ދުވަސްތައް ގުނަން ފަށާށެވެ.
މުޙައްރަމް މަހަކީ އަހަރުގެ ފުރަތަމަ މަސް ކަމަށް ކަނޑައެޅުއްވެވި އެއް ސަބަބަކީ ހުރުމަތްތެރިވެގެންވާ 4 މަސް ތެރެއިން އެންމެ މާތް މައްސަރަކީ މުޙައްރަމް މަސް ކަމުގައިވާތީއެވެ. ދެވަނަ ސަބަބަކީ ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ކުރެވިފައިވާ ފާފަތައް ފޮހެލައިގެން ތިބެ ކުރިމަތިލާ މަހަކީ މުޙައްރަމް މަސް ކަމުގައިވާތީއެވެ.
މުޙައްރަމް މަހަށް މިހައި ބޮޑު ސަމާލުކަމެއް ދެވިގެން ދިއަ ސަބަބުތައް ވަރަށް ގިނައެވެ. ބައެއް ބޭކަލުން ޤަބޫލުފުޅު ކުރައްވަވާގޮތުގައި މުޙައްރަމް މަހަކީ ދުނިޔެ އާރާސްތު ކުރުމުގެ މަހެވެ. އެފަދައިން ވިދާޅުވާ ބޭކަލުން ޤަބޫލުފުޅު ކުރައްވަވާ ގޮތުގައި ނޫޙުގެފާނުގެ ޤައުމަށް ފޮނުއްވެވި ޠޫފާނަށްފަހު ނައުކޮޅު ސަލާމަތުން ހިކިފަސްތަނެއްގައި ލެއްވި މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އާޝޫރާ ދުވަހުއެވެ.
ތާރީޚުގެ ވާހަކަ ފެށުނީތީ ކުޑަ އެއް ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ރަސޫލް (ޞޢވ)ގެ ކާފަ ދަރިކަލުން ޙުސައިންގެފާނު ޝަހީދުކޮށްލެވުނީ އާޝޫރާ ދުވަހެއްގައި ކަމަށްވާތީ ބައެއް މީހުން އެކަމާއި އާޝޫރާ ދުވަހުގެ މާތްކަމާއި ގުޅުވައެވެ. އެކުރަނީ ގޯސް ކަމެކެވެ. އެއީ ގޯސް ގުޅުވުމެވެ. އެހެނީ މުސްލިމުންނަށް ރަސޫލް (ޞޢވ) ވާޖިބު ކުރެއްވެވުމުން އާޝޫރާ ދުވަހު ރޯދަ ހިފީ މަދީނާއަށް ހިޖުރަ ކުރެއްވެވި ފުރަތަމަ އަހަރުއެވެ. ޙުސައިންގެފާނު ޝަހީދުވެވަޑައިގަތީ ރަސޫލް (ޞޢވ) ސުވަރުގެވަޑައިގެންނެވި ފަހުންނެވެ. ވީމާ މިއީ އެއްވެސް ގޮތަކުން ގުޅުވޭނެ ކަންކަމެއް ނޫނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން