މާފަންނުގައި ހުރި ގެއަކުން ފިޔާ ބަސްތާއެއް ވަގަށް ނެގި މީހަކު ތިން މަސް ތެރޭގައި 27،000 ރުފިޔާ ދެއްކުމަށް އަމުރުކޮށް، ޖޫރިމަނާ ކޮށްފިއެވެ.
މ.ނަަަރަމް ކިޔާ ގެއަކުން ފިޔާ ބަސްތާއެއް ވަގަށް ނެގިކަމުގެ ކުށުގައި އިއްޔެ ކްރިމިނަލް ކޯޓުން ޖޫރިމަނާ ކޮށްފައިވަނީ މުޙައްމަދު ރިޔާޒް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު ފުރަތަމަ ދައުވާއަކީ މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. މީގެއިތުރުން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާވެސް ރިޔާޒްގެ މައްޗަށް އުފުލާފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ މި ދެ ދައުވާ ވެސް ރިޔާޒްގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. އެކަން ސާބިތުވެފައި ވަނީ ރިޔާޒްގެ އިއުތިރާފުން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައި ރިޔާޒް ވަނީ 5400 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އަދި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި 21،600 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރި އެވެ.