ފާފަ ކުރުމުން ސަލާމަތްވާން ބޭނުން މީހާ، ބަންގީގެ އަޑަށް އިބިލީސް ދުވެ ފިލާ ފަދައިން ފާފައަށް ފިލަން ޖެހޭނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 15ސ
ފާފަ ކުރުމުން ސަލާމަތްވާން ބޭނުން މީހާ، ބަންގީގެ އަޑަށް އިބިލީސް ދުވެ ފިލާ ފަދައިން ފާފައަށް ފިލަން ޖެހޭނެ!

މިރޭ ވެސް ފަށާނީ ވަރަށް ކުރު ވާހަކަކޮޅަކުންނެވެ. މީހަކު އޭނާއަށް ކަންތައް މެދުވެރިވި ގޮތް ކަމަށް ބުނެ ކިޔައިދިން ވާހަކަކޮޅަކުންނެވެ.  

"އަހަރެން ލައްވައި ބޮޑު ފާފައެއް ކުރުވަން ޝައިޠާނާ ވަރަށް މަސައްކަތް ކުރިއެވެ. އޭނާ އާއި އަހަރެން އެއްތަން ކުރުވިއެވެ. އެކެއްގެ ސަމާލުކަން އަނެކަކަށް ސީދާ ކުރުވިއެވެ. ކިހައިވަރަކަށް ކަމަށް ހެއްޔެވެ؟ ލިބާހުން ގޮށްތައްވެސް ނައްޓަން ފެށުނެވެ.  

ނަމަވެސް ކުއްލިއަކަށް އެވީގޮތެއް ނުވެސް އެނގުނެވެ. ވަރަށް ބާރަށް ހިތް ތެޅެން ފެށީއެވެ. ހަށިގަނޑުގެ ވިންދު އަވަސްވީއެވެ. ދެފައި ތުރުތުރު އަޅަން ފެށީއެވެ. މިވަނީ ކީއްކަމެއް ނުވެސް ވިސްނުނެވެ.  

އެންމެ ހައިރާންވި ކަމަކީ އެހުރިހާ ކަންކަމާއިއެކު ފާފަކުރުމުގެ ޝައުޤުވެރިކަން ހިތުގައި ހުރިކަމެވެ. ހިތް އެކަމަށް އެދެމުން ދިއަ ކަމެވެ. ނަމަވެސް ކަންކަން މުޅިން ބަދަލުވެގެން ދިއައީ ކުރެވުނު ވަރަށް ކުޑަކުޑަ ކަމަކުންނެވެ. އެކަން ކުރެވުނީ ޤަޞްދުގައި ކަމަށް ބުނާކަށްވެސް ނެތީމެވެ. ޔަޤީންކަން ނެތުމުންނެވެ.  

ކޮންމެއަކަސް އެ ވަން ގޮތަކަށް އަހަރެންގެ ވައަތްތިލައިގެ ޝަހާދަތް އިނގިލި އަހަރެންގެ އަގައަށް ވަނެވެ. ބާރަށް ދަތް އެޅުނެވެ. ވީތަދާއިއެކު ހުރިހާ ޖަޒުބާތުތަކެއް ހިތުން ފިލައިގެން ދިއައެވެ. ކުރެވެން މިއުލެވުނީ ކިހައި ވަރެއްގެ ބޮޑު ފާފައެއްކަން ހިތަށް ވަނީ އެހިސާބުންނެވެ."  

މިވާހަކަކޮޅު ކިޔައިދިން މީހާ، ނުވަތަ މި ކަންކަން ތަޖުރިބާ ކުރި މީހާ ބުނީ އޭނާއަކީ 5 ވަގުތު ނަމާދުކުރާ މީހަކު ކަމަށެވެ. ފާފަކުރަން އަބަދުވެސް ބިރުގަންނަ މީހެއް ކަމަށެވެ. އަދި ފާފައެއް ކުރަން އެއްގޮތަކަށްވެސް ބޭނުން ނުވާ މީހަކު ކަމަށެވެ. އެހެންކަމުން ސަބަބުތަކެއް މެދުވެރިވެ އޭނާއަށް ޝައިޠާނާގެ ކިބައިން ސަލާމަތްވެވުނީއެވެ. އަހަރެމެންނަކީވެސް އޭނާ ފަދަ ތަޤްވާވެރިން ކަމުގައި ވާނަމަ ކޮންމެވެސް ގޮތަކުން ރައްކައުތެރިކަން ލިބޭނެއެވެ.  

ރަނގަޅަށް މިވާހަކަތައް އަޑުއަހާށެވެ! ޝައިޠާނާ މީހަކު ލައްވައި ފާފައެއް ކުރުވަން ބޭނުންވުމުން ފުރަތަމަ ވެސް ކުރާނެ ކަމަކީ އެކަމަކަށް އެމީހާގެ ޝައުޤުވެރިކަން ހުއްޓުވޭނެ ހުރިކަމަކަށް މަގުފަހިކުރުމެވެ.  

މިސާލަކަށް މީރު ކެއުމެއް ނަގާށެވެ. މީރު ކެއުމެއް ކައްކަން ބޭނުންވެއްޖެ ނަމަ ކޮންމެ މީހަކުވެސް ފުރަތަމަ ކަމެއްގެ ގޮތުން ރެސިޕީގައި ހުރި އެއްޗެއް ކައްކަން ބޭނުންވާ ހުރިހާ އެއްޗެއް ޖަމާކުރާނެއެވެ. އެއްވެސް ބާވަތެއް މަދުވެއްޖެ ނަމަ ނުވަތަ ނެތިއްޖެ ނަމަ އެއްޗެއްގައި ލާން ޖެހޭ ފުރިހަމަ ރަހަ ނުލާނެތީއެވެ. 

ޝައިޠާނާ ވެސް އަމަލުކުރާނީ ހަމަ މިމޭރުމުންނެވެ. ފުރަތަމަ ކަމެއްގެ ގޮތުން ތިބާގެ ހިތުގައި އެ ފާފައެއް ކުރަން އިންތިހާއަށް ޝައުޤުވެރިކަން އުފައްދުވާނެއެވެ. އެއަށްފަހު ވީހައި ފަސޭހައިން ފާފަ ކުރުވޭނެ ހުރިހާ މަގުތަކެއް ފަހިކުރުވާނެއެވެ. އަދި އެ ފާފައެއް ކުރި ނަމަވެސް ސިއްރު ކުރެވޭނެކަމުގެ ޔަޤީންކަން އެމީހަކަށް ދޭނެއެވެ. 

މިސާލަކަށް ވައްކަން ކުރުވަން ބޭނުންވުމުން ފުރަތަމަ ބުނާނީ ވައްކަން ކުރުމަކަށް ނޫނެވެ. އެމީހަކަށް ވިސްނައިދޭނީ ފައިސާ ނެތިގެން ނުކުރެވި ކަންތައްތަކެވެ. ދެން ވިސްނައިދޭނީ ވަގަށް ނަމަވެސް ފައިސާ ހޯދައިގެން އެކަމެއް ކޮށްފިނަމަ ދުނިޔެ މަތީގައި ލިބޭނެ ހިތް ހަމަޖެހުމެވެ. ލިބޭނެ އުފާވެރިކަމެވެ. 

ޒިނޭ ކުރުވަން ބޭނުންވި ނަމަވެސް ފުރަތަމަ ބުނާނީ ޒިނޭ ކުރުމަކަށް ނޫނެވެ. ވިސްނައިދޭނީ އޭނާގެ ކިބައިގައި ހުރި ރީތި ސިފަތަކެވެ. ޒިނޭކުރުމުން ލިބޭނެ އަރާމެވެ. އެއަށްފަހު ވަރަށް ސިއްރުން އެކަން ކުރެވޭނެ މާހައުލެއްގައި ދެމީހުން ބައްދަލުކުރުވާނެއެވެ. އެއިރު މީހާގެ ސިކުނޑީގައި ޒިނޭ ކުރުމުގެ ޝައުޤުވެރިކަން އޮންނާނީ އިންތިހާއަށް އުފައްދައިފައެވެ. 

މީސްތަކުންނޭވެ. މިހާލަތުން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކީ މިފަދަ ކޮންމެ ވަގުތެއްގައި ވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. އެކަން ކުރެވޭނީ ވަރަށް ވަރުގަދަ ހިތްވަރެއް ހުރެގެންނެވެ. އެ ހިތްވަރު މީހެއްގެ ކިބައިގައި ހުރިނަމަ ޝައިޠާނާއަކަށް ކައިރިވެސް ނުވެވޭނެއެވެ. ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ހޯދައިގެން އަބަދުވެސް ހުންނަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

ފާފައެއް ކުރެވެން އުޅޭކަމަށް ޝައްކުވި ނަމަވެސް އަވަސް އަވަހަށް އެތަނަކުން ދުރަށް ދާށެވެ! ވިސްނުމުގެ މިސްރާބު ބަދަލުކޮށްލާށެވެ! ބަންގީގެ އަޑަށް ޝައިޠާނާ ދުވެ ފިލާ އުޞޫލުންނެވެ! އެންމެ ސަލާމަތްކަން ބޮޑު އެއް ގޮތަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން