މެރީން ރިސަރޗް ސެންޓަރގެ ނަން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް އަށް ބަދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
މެރީން ރިސަރޗް ސެންޓަރގެ ނަން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް އަށް ބަދަލުކުރައްވައިފި

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ދަށުން ހިނގަމުންދާ "މެރީން ރިސަރޗް ސެންޓަރ" ގެ ނަން، "މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް" މި ނަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 29 އޮގަސްޓް 2019 ވަނަ ދުވަހު ބަދަލުކުރައްވައި އެ ތަނުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެންނަވައިފިއެވެ.

 

ތިރީގައި އެވަނީ މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގެ ލިންކެވެ.

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ދަށުން ހިނގަމުންދާ "މެރީން ރިސަރޗް ސެންޓަރ" ގެ ނަން، "މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް" މި ނަމަށް، 2019 އޮގަސްޓު 29 ވަނަ ދުވަހުން ފެށިގެން ބަދަލުކުރައްވައި، އެ ތަނުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެންނަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް މި ދެންނެވުމާއެކު މި ވަނީއެވެ.

 

މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް

 

1.      ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކައި، ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުން.

2.      ރާއްޖޭގެ ކަނޑުގެ މާޙައުލުގައި އުޅޭ ދިރުންހުރި ތަކެތީގެ މަޢުލޫމާތު އެއްކުރުމާއި، ކަނޑުގެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުން.

3.      ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި،ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުން.

4.      ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަން ކުރެވެނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި، އެ ތަކެތީގެ މާޙައުލަށް ގެއްލުން ނުވާ ގޮތަކަށްކަމާއި،އެ ބާވަތްތައް ހިފެނީ އެ ބާވަތްތަކަށް ގެއްލުން ނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް،

އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ ބުނެވިދިޔަ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުން.

5.      ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރުމަށްޓަކައި، މާޙައުލީ ނިޒާމާ ގުޅުވައިގެން މި ވަސީލަތްތައް މެނޭޖްކުރުމަށް (އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް) ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް، ސައިންސްގެ އަލީގައި މަޢުލޫމާތު ފޯރުކޮށްދިނުން.

6.      ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗަރގެ ދާއިރާ ތަރައްޤީ ކުރާނެ ގޮތުގެ ފަންނީ ލަފާ ދިނުން.

7.      މަސްވެރިކަމާއި، މެރިކަލްޗަރާއި، ފަރުތަކާ ގުޅޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ، މި ދާއިރާއިން ސައިންސް ކުރިއަރުވައި، މިފަދަ ޖަމްޢިއްޔާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާޙައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މަޢުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުން.

މިއަދު އޮންލައިން