ސުވަރުގެ ލިބުން އެންމެ ކައިރި އެކަކީ ނުބައި ބައަކާއެކު އުޅެން ޖެހުމުންވެސް ޙައްޤު މަގުގަ ސާބިތުވެ ހުންނަ މީހާ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ސުވަރުގެ ލިބުން އެންމެ ކައިރި އެކަކީ ނުބައި ބައަކާއެކު އުޅެން ޖެހުމުންވެސް ޙައްޤު މަގުގަ ސާބިތުވެ ހުންނަ މީހާ!

ބަދަލުވަމުން މިދާ ދުނިޔޭގައި މަސައްކަތު މާހައުލާއި އެހެނިހެން ކަންކަން ދިމާވާ ގޮތުން އެކި މީހުންނަށް އުޅެން ޖެހެނީ އެކި މާހައުލުގައެވެ. ތަފާތު މީހުންނާއިއެކުގައެވެ. އެއިގެ ތެރޭގައި ނުބައިކަން ހައްދުފަހަނައަޅާފައިވާ މީހުންވެސް ހިމެނެއެވެ. އެފަދަ މީހުންނާއިއެކުގައި އުޅެން މަޖުބޫރުވާ މީހުން ވެސް މަދެއް ނޫނެވެ. 

މިކަމުގެ ތެރެއިންވެސް އެންމެ ނުރައްކައުތެރިކަން ބޮޑު އެއް ބައަކަށްވަނީ ބައެއް މީހުންނަށް ކައިވެންޏަށްފަހު ދިރިއުޅެންޖެހޭ މާހައުލެވެ. ބައެއް ފަހަރު ކައިވެންޏަށްފަހު ދިރިއުޅެން ޖެހޭ ގެއަކީ ނުބައި ކަންކަމުން ފުރިފައިވާ މާހައުލަކަށްވެސް އެބަވެއެވެ. އެގެއެއްގެ މީހުންނަކީ ﷲ ތަޢާލާ އަނގަވާފައިވާ އެންގެވުންތަކަށް ބޯނުލަނބާ ބައަކަށްވެސް އެބަވެއެވެ. 

އަނެއްބައި ހާލަތްތަކުގައި ހަމަ އެހައި ގޯސް ބައަކާއިއެކު ވަޒީފާ އަދާކުރަންވެސް ޖެހިދާނެއެވެ. ރަނގަޅު ވަޒީފާއެއް ލިބުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ވަޒީފާ ދޫކޮށްލުމަކީވެސް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. 

މިފަދަ ކޮންމެ މަޖުބޫރީ ޙާލަތެއް ކުރިމަތިވި ނަމަވެސް ޙައްޤު މަގު ދޫކޮށްލައިގެން ނުވާނެއެވެ. ބައަކު އުޅޭހައި ގޮތަކަށް އުޅެން ފަށައިގެން ނުވާނެއެވެ. ބައަކު ކުރާހައި ކަމެއްގައި ބައިވެރިވެގެން ނުވާނެއެވެ. ތިމާ ސާބިތުވާނަ ޖެހޭނީ ﷲ ތަޢާލާގެ މަގުގައެވެ. އެއިރުން ބައެއް ފަހަރު ފުރައްސާރަތައްވެސް ކުރިމަތިވާނެއެވެ. މަލާމާތްވެސް ކުރާނެއެވެ. އަދި ޖެއްސުންވެސް ކުރާނެއެވެ. އެއިން އެއްވެސް ކަމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެމީހުން އެކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. 

ރަނގަޅަށް ވިސްނާށެވެ! އެފަދަ ހާލަތުގައި ޙައްޤު ގޮތުގައި ސާބިތުވުމަކީ ﷲ ތަޢާލާގެ މަގުގައި ކުރެވޭ ވަރަށް މަތިވެރި ޖިހާދެކެވެ. ތިބާގެ ކެތްތެރިކަމުގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދާނެ މިންވަރަށްޓަކައި އުފާކުރާށެވެ! އެސަބަބަށްޓަކައި ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ﷲ ތަޢާލާ ސުވަރުގެ ދެއްވެވުން އެންމެ ކައިރި އެކަކީ ނުބައި ބައަކާއިއެކު އުޅެން ޖެހުމުންވެސް ޙައްޤު މަގުގައި ސާބިތުވެ ހުންނަ މީހާއެވެ! ލޯމަތިން ފެންނަ ޝައިޠާނީ ކަންކަން ނުވެސް ފެންނަ ކަމަށް ހަދައިގެން ހުންނަ މީހާއެވެ. ބައަކު ތިމާގެ ލޯމަތީގައި އެމީހުންގެ ނަފްސްތައް ނަޖިސް ކުރަމުން ގެންދާއިރު ތިމާގެ އަމިއްލަ ނަފްސް ނަޖިސްކަމުން ސަލާމަތްކުރާ މީހާއެވެ. 

މިފަދަ މީހަކަށް ވެވޭނީ ވަރަށް ވަރުގަދަ އީމާންތެރިއަކަށް ވެވިގެންނެވެ. ފުރިހަމަ ތަޤްވާވެރިއަކަށް ވެވިގެންނެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުގަންނަ މީހަކަށް ވެވިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން