"ޑްރަގް ނައްތައިލުމަކީ ވާޖިބެކެވެ. ޑަރަގް ނަގާ މީހުންގެ ދިފާޢުގަ، ނޫނީ އެފަދަ ބައަކަށް ނުބައި ޢަމަލު ކުރަން ހިތްވަރު ދެވޭ ގޮތަށް އެއްވެސް މީހެއްގެ ވާހަކަ ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރަލާއި ޑްރަގް މިއީ އިސްލާމީ ޤައުމެއްގައި ފެނިގެންވާނެ ތަކެއްޗެއް ނޫނެވެ. ޑްރަގް ނަގައި ބަނގުރާ ބޯ މީހުން އެކަން ކުރުން ހުއްޓަން ޖެހެއެވެ."
- ޝައިޚް ޢަލީ ޒައިދު
މިއީ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅެކެވެ. އިސްލާމް ދީނުގައި ކަން އޮތީ އެފަދައިން ނަމަވެސް ޑަރަގް ނަގާ މީހުންނަށް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ގޮތަށް ސިޔާސީ އިސް މީހުން ދޭތެރެ ދޭތެރެއިން ގެންދަނީ ފަތުވާތައް ނެރެމުންނެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެފަދަ މޭރުމަކުން އެމަނިކުފާނު ފަތުވާ ނެރުއްވާފައި ވަނިކޮށް މިދިއަ ހަފްތާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވެސް ހަމަ އެމޭރުމުން މަޖިލީހުގައި ވާހަކަ ދައްކައި މަރުޖުއާނާ ހުއްދަ ކުރުމަށް ބާރު އަޅައި ހޯމް މިނިސްޓަރު ޝައިޚް އިމްރާނާއި ސުވާލެއް ވަނީ ކުރިމަތިކޮށްފައެވެ.
މަޖިލީހުގެ ޖަލްސާތަކަކީ ލައިވްކުރާ ޖަލްސާތައް ކަމަށްވުމުން މަޖިލީހުގައި ދެކެވޭ މިބާވަތުގެ ނޭދެވޭ ވާހަކަތައްވެސް ދަނީ ޢާންމުވެ ޑްރަގް ނަގާ މީހުންނަށް އިތުރަށް އެކަން ކުރަން ހިތްވަރު ލިބެމުންނެވެ.