1273 ބައިވެރިންނާއިއެކު 33 ވަނަ ކީރިތި ޤްރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފަށައިފި އެވެ.
މިކަމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ އެންމެ ހެޔޮލަފާ މީހަކީ ކީރިތި ޤްރުއާން އުނގެނި އަދި އުނގަންނައިދޭ މީހާ ކަމަށް ޙަދީޘްފުޅުގައި އެބަ އޮތް ކަމަށާއި މިހަދީޘްފުޅުގައި ބަޔާން ކުރައްވަވާފައި އެވަނީ ދެ ކަމެއް ކަމަށެވެ. އުނގެނުމާއި އުނގަންނައި ދިނުމަކީ ތަފާތު ދެކަމެއްގެ ގޮތުގައި ކަމަށެވެ.
މިމޭރުމުން އިތުރު ތަފްޞީލު ހާމަކުރައްވަމުން ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ އިބްން ހަޖަރު ރަޙިމަހުﷲ ބަޔާން ކުރައްވަވާފައިވަނީ އިސްލާމް ދީނަށް ގޮވައިލުމުގައި ވައްތަރުތަކެއް ހިމެނޭ ކަމަށާއި އެއިގެ ތެރެއިން އެންމެ މާތް ވައްތަރަކީ ކީރިތި ޤްރުއާން އުނގަންނައިދިނުން ކަމަށެވެ.
ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މިކުރަނީ ހެޔޮ ލަފާ ޖީލެއް އުފެއްދުމުގެ މަސައްކަތް ކަމަށާއި އެކަން ކުރެވޭނީ މުޖުތަމައުގައި ދިރިއުޅޭ އެންމެން އެ މަސައްކަތުގައި ބައިވެރިވެގެން ކަމަށެވެ. އަދި ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒުން މިރަނީ އެ މަސައްކަތް ކަމަށާއި ބޭނުމަކީ ކުދިންގެ ހިތްތަކުގައި ޤްރުއާނަށް ލޯބި ޖެއްސުން ކަމަށެވެ.
މިއީ ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒު ޤައުމީ މަރުކަޒަކަށް ބަދަލުކުރި ފަހުން ބާއްވާ ފުރަތަމަ މުބާރާތެވެ. ދެ ތަނެއްގަ އެއް ފަހަރާ ކުރިއަށް ގެންދާ ގޮތަށް ބާއްވާ ފުރަތަމަ މުބާރާތް ވެސްމެއެވެ.