ކުދިންނަށް ދެވޭ ނަޞޭޙަތާއި އެއްގޮތަށް މުޖުތަމައު އާއި ބެލެނިވެރިންގެ ޢަމަލުތައް ކުދިންނަށް ދައްކައި ނުދެވޭނަމަ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
"އެންސީއޭ އަލްކައުން މަދަޙަ މުބާރާތް "ރަން އަޑު" 1440، އާއި އަލްކައުން އިންޓަރނޭޝަނަލް ޤްރުއާން މުބާރާތް 1440" މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ކުދިންނަށް ހަމަ އެކަނި ނަޞޭޙަތް ދީގެން ތަރުބިއްޔަތު ނުކުރެވޭނެ ކަމަށާއި ދެވޭ ނަބާޙަތާއި އެއްގޮތަށް ޢަމަލުކުރެވެމުންދާތަން މައިންބަފައިންގެ ކިބައިންނާއި މުޖުތަމައު ތެރެއިން ކުދިންނަށް ފެންނަން ޖެހޭނެ ކަމަށެވެ.
ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ކުދިން ތަރުބިއްޔަތު ކުރުމުގެ މަސައްކަތަކީ އެންމެ ކުޑައިރުންސުރެ ފެށިގެން ކުރަންޖެހޭނެ މަސައްކަތެއް ކަމަށާއި ކުޑައިރުން ސުރެ މަސައްކަތްކޮށްގެން މެނުވީ އެކަމުން ޙާޞިލުކުރަން ބޭނުންވާ ޙާޞިލު ނުކުރެވޭނެ ކަމަށެވެ.
ޑރ. އަހްމަދު ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު އިސްލާމް ދީނަށް އަމަލުކޮށް އެކަން ދަރިންނަށް ދެއްކުމުގައި ގިނަ އަދަދެއްގެ ބެލެނިވެރިންނާއި މުޖުތަމައުގެ ގިނަބައަކު، ޚާއްޞަކޮށް ދައުލަތުގެ އިސް މަޤާމްތަކުގައި ތިބި ގިނަ ބައަކު ވަނީ ވަރަށް ބޮޑަށް ފޭލްވެފައިކަން ފާހަގަކުރެވެއެވެ.