ކަނޑުވެ މަރުވުމަކީ ޝަހީދު މަރެއް: ޝައިޚް ފަރީދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކަނޑުވެ މަރުވުމަކީ ޝަހީދު މަރެއް: ޝައިޚް ފަރީދް

"އިއްޔެ ހިނގައިދިއަ ހިތާމަވެރި ހާދިސާގައި މަރުވި އެންމެންނަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިނަވރުކޮށް ދެއްވަވާށި. އަޅުގަނޑު ދަންނަވާނީ އެއީ ޝަހީދު މަރެކޭ. ކަނޑުވެ މަރުވުމަކީ ޝަހީދު މަރެއް ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޝްފުޅުކުރައްވައިފަ. ޙަދިޘްފުޅުގައި އޮތީ ޣަރަޤްވާ މީހަކީވެސްޝަހީދެއް ކަމަށް. އެ ޙަދީޘްފުޅު ޞަޙީޙް މުސްލިމްގައި ބަޔާން ކުރައްވާފައިވޭ." 

"އަޅުގަނޑު މިހަފްލާގައި މިކަން މިފާހަގަކޮށްލީ އިއްޔެ ދިމާވި ހިތާމަވެރި ހާދިސާގައި އެންމެންގެ ލޯބި ލިބިފައިވާ އިސް ޓީޗަރަކު މަރުވެފައިވާތީ. ގިނަ އަދަދެއްގެ ސްކޫލްތަކުން އަދި ދަރިވަރުން ބައިވެރިވެގެން ބޭއްވި މިފަދަ މުބާރާތެއްގެ ނަތީޖާ ފައުޅު ކުރުމުގެ ހަފްލާގައި އެފަދަ ޓީޗަރުންގެ ޛިކުރާ އައުކުރަންޖެހޭނެތ."

- ޝައިޚް އިބްރާހީމް ފަރީދު 

 

ޝައިޚް ފަރީދު މިމޭރުމުން ވިދާޅުވީ "އެންސީއޭ އަލްކައުން މަދަޙަ މުބާރާތް "ރަން އަޑު" 1440، އާއި އަލްކައުން އިންޓަރނޭޝަނަލް ޤްރުއާން މުބާރާތް 1440" މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި އަލްކައުނުގެ ޗެއާމަންގެ ހައިޞިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ. 

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ އެމީހެއްގެ މަރު އައިސް ބައްދަލުކުރުމުން ދުނިޔެއާއި ދުނިޔޭގައިވާހައި ތަކެއްޗެއް، މައިންބަފައިންނާއި އަނބިދަރިންނާއި ޢާއިލާ އަދި ގާތް މިތުރުން ދޫކޮށް ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތަށް ދަތުރުކުރަނީ ހަމަ އެންމެ އެއްޗެއް ހިފައިގެން ކަމަށާއި އެ އެއްޗަކީ އެމީހާ ދުނިޔޭގައި ކުޅަ ޢަމަލުގެ ފަތް ކަމަށެވެ. 

ޝައިޚް ފަރީދު ވިދާޅުވީ މަދަހަ މުބާރާތާއި ޤްރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވަނީ ހަމަ އެންމެ ބޭނުމަކު ކަމަށާއި އެބޭނުމަކީ ﷲ ތަޢާލާގެ ރުއްސެވުން ހޯދުން ކަމަށެވެ. 

ޝައިޚް ފަރީދު މިފަދައިން ވިދާޅުވެފައިވާއިރު އިއްޔެގެ ހާދިސާގައި ނިޔާވި ޙުސައިން ވަޙީދުގެ ރަނގަޅުކަމުގެ ވާހަކަދައްކައި އޭނާއަށް ތައްރީފް ނުކުރާ ހަމަ އެކަކުވެސް ނޮޅިވަރަންފަރުގައި ނެތް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. ބެލެނިވެރިންނާއި ދަރިވަރުންވެސް ދަނީ ބުނަމުންނެވެ. ހުސައިން ވަޙީދުގެ ރަނގަޅު އަޚްލާޤަށް ތައްރީފް ނުކުރާ މީހަކުވެސް ނެތެވެ. 

މީހަކު މަރުވުމުން މިހައި ގިނަ ބައެއްގެ ތައްރީފާއި ހެޔޮ ބަސްތައް އެމީހަކަށް ލިބުމަކީ ވެސް ވަރަށް މަތިވެރި ނިޢްމަތެވެ. ގިނަ ބައެއްގެ ތައްރީފާއި ހެޔޮ ބަސް ލިބުމަކީ އެމީހަކަށް ސުވަރުގެ ލިބުމަށް މަގުފަހިވާ ކަމެއްކަން ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ. 

މާތް ﷲ ޙުސައިން ވަޙިދަށާއި އިއްޔެގެ ހާދިސާގައި މަރުވި އެންމެންނަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވަވާށި! އާމީން. 

 

 

މިއަދު އޮންލައިން