މާޔޫސްވާން ޖެހެނީ އެހެން މީހުންނާ އެއްފެންވަރުގަ ދިރިއުޅެން ބޭނުންވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
މާޔޫސްވާން ޖެހެނީ އެހެން މީހުންނާ އެއްފެންވަރުގަ ދިރިއުޅެން ބޭނުންވާތީ!

ދިރިއުޅުމުގައި ޒަލްޒަލާތައް ކުރިމަތިވުމަކީ އަބަދުވެސް ކުރިމަތިވަމުން އަންނަ ޢާންމު ކަމެކެވެ. ޒަލްޒަލާ ކިޔަނީ ހަމައެކަނި މަތިން އަންނަ ވިއްސާރަ ވިލާގަނޑަކަށް، ކޮޅިގަނޑަކަށް ނުވަތަ ނިގޫރޯޅިއަކަށް ނޫނެވެ. ޙަޔާތުގައި ކުރިމަތިވާ އާދައާ ޚިލާފް ކޮންމެ ކަމަކީ ޒަލްޒަލާއެކެވެ.  

"ކަނޑު ދަތުރުކުރާނަމަ ކޮޅިގަނޑުތައް ކުރިމަތިވާނެއެވެ. މޫސުން ގޯސްވެ ކަނޑު ކިތަންމެ ގަދަވި ނަމަވެސް ބިރު ގަތުމެއް ނެތެވެ. ތިބާ ހުރީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ކަމަށްވާނަމަ އަމާން ބަނދަރަކަށް ގެންގޮސް ދެއްވަވާނެތެވެ! އެކަމުގެ ޔަޤީންކަމުގައި ހުންނަ މީހާއަށް އަބަދުވެސް ދާނީ އެކަން ފެންނަމުންނެވެ." 

މިހެން ބުނުމުން ބައެއް އުޅަނދު ފެތޭ ކަމަށް ބުނެފާނެއެވެ. ބައެއް އުޅަނދު ފެތޭނެއެވެ. އަޑިއަށްވެސް ދާނެއެވެ. ނަމަވެސް ފެތުނު އުޅަނދުތައް ފެތުނު ސަބަބު ރަނގަޅަށް ދިރާސާކޮށްބަލާށެވެ! 90 އިންސައްތަ އުޅަނދު ފެތިފައިވާނީ އިހްމާލުންނެވެ.  

ދިރިއުޅުމަކީވެސް ހަމަ މިފަދަ ކަމެކެވެ. ޒަލްޒަލާތައް ކުރިމަތިވާނެއެވެ. ﷲ ތަޢާލާ އެމީހަކު ދެކެ ބޮޑަށް ލޯބިވެވޮޑިގަންނަވާނަމަ ކުރިމަތިވާ ޒަލްޒަލާތައް ގިނަވާނެއެވެ. އެއީ އެމީހަކު އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. ފާސްވެއްޖެ ނަމަ ލިބެން އޮތީ އެންމެ މަތިވެރި ނިޢްމަތެވެ. އެއީ ސުވަރުގެއެވެ.  

އެހެންކަމާއިއެކުވެސް ދިރިއުޅުމުގައި ގިނަފަހަރު މުޞީބާތްތައް ކުރިމަތިވެފައި ވަނީ އެމީހެއްގެ އިހްމާލުންނެވެ. މިސާލަކަށް އަތްމަތިވެ ދަރަނިވެރިވުން އެއީ އެންމެ ގިނައިން ކުރިމަތިވާ އެއް މުޞީބާތެވެ. ނުވަތަ މައްސަލައެވެ. އެންމެ ގިނަ ބައަކަށް ތަކްލީފް އުފުލަން ޖެހެނީ އެކަމުގެ ސަބަބުންނެވެ. ކަން މިހެން އޮތްއިރު އަތްމަތި ދަތިވާ ގިނަ މީހުންގެ ކަންކަން ރަނގަޅަށް ބަލައިފިނަމަ އެމީހެއްގެ އިހްމާލް ފެންނާނެއެވެ.  

މިގޮތުން އެންމެ ގިނައިން ފާހަގަކުރެވޭ ކަމަކީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި މިންވަރަށްވުރެ ގިނަ ޚަރަދުކުރުމެވެ. އަވަށްޓެރިޔާ ދިރިއުޅޭ ފެންވަރުގައި ދިރިއުޅެން ބޭނުންވުމެވެ. ދަރިފުޅު އުޅޭ ކްލާހުގައި ތިބޭ މުއްސަނދިންގެ ދަރިންނާއި އެއް ފެންވަރުގައި ތިމާގެ ދަރިންވެސް ގެންގުޅެން ބޭނުންވުމެވެ. ގޭގެ ފަރުނީޗަރާއި އެހެނިހެން ކަންކަން އަވަށްޓެރިޔާ އާއި އެއް ފެންވަރެއްގައި ބަހައްޓަން ބޭނުންވުމެވެ.  

ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވަނީ އެންމެންނަށް އެއްވަރަކަށް ނޫނެވެ. އެހެންކަމަށްވާއިރު އެންމެންނަށް އެއް ފެންވަރެއްގައި ދިރިއުޅެވޭނީ ކިހިނަކުން ހެއްޔެވެ؟ އެންމެ ކުޑަމިނުން މުއްސަނދިން ލައި އުޅޭ ފޭރާމުން ހެދުން ލާނީ ވެސް ކިހިނަކުން ހެއްޔެވެ؟ މުއްސަނދިން ޖަހައި އުޅޭ ސެންޓް ޖަހާނީވެސް ކިހިނަކުން ހެއްޔެވެ؟ 

ލިބޭ މިންވަރަށް ޝުކުރުވެރިވެ ޙަޔާތުގެ އެންމެހައިކަންކަން ﷲ ތަޢާލާއަށް ވަކީލުކޮށްގެން ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި ދިރިއުޅޭނަމަ އެމީހަކަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ. އެއިގެ މާނައަކީ އެމީހަކު ބޭނުންވާހައި ފެންވަރެއްގައި ދިރިއުޅެވުމެއް ނޫނެވެ. ﷲ ތަޢާލާ އެމީހަކަށް އިރާދަކުރެއްވެވި މިންވަރުގައި އުފަލުގައި ދިރިއުޅެވުމެވެ.  

މާޔޫސްވާން ޖެހެނީ އެހެން މީހުންނާއި އެއްފެންވަރުގައި ދިރިއުޅެން މަސައްކަތްކުރާތީއެވެ. އެމީހަކަށް ﷲ ތަޢާލާ އިރާދަ ކުރެއްވެވި މިންވަރުގައި ދިރިއުޅެން މަސައްކަތްކުރާ މީހާއަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އަދި ބުނަން ހެއްޔެވެ؟ ތަނަވަސްކަމަކީ ހުރިހާ ހިތްހަމަޖެހުމެއް ނޫނެވެ. އެހެންކަމުން އެންމެ ތަނަވަސް މީހާއަކީ ބޭންކް އެކައުންޓުގައި އެންމެ ގިނަ ފައިސާ ހުންނަ މީހާއެއް ނޫނެވެ. ހިތުގެ ތަނަވަސްކަން ލިބި ހިތްހަމަޖެހިގެން ހުންނަ މީހާއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން