އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤު ކުރައްވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް ރައްޔިތުންގެ މަޖުލީހުން ގެންނެވި ފުރަތަމަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރެއްވިއިރު މި ބިލަކީ މި ހިނގާ އޯގަސްޓުމަހުގެ 21 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން އިޞްލާހު ހުށަހަޅާފައި ވަނީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އަށެވެ. މި އިސްލާހުގައި ބުނެފައިވަނީ، މިމާއްދާގައި "މިނިސްޓަރު" ކަމުގައި ބުނެފައި ވަނީ ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށް ކަމުގައެވެ.

އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް، މި އިސްލާހު ގެނައުމުގެ ބޭނުމަކީ، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކަންކަން، ޞިއްޙަތާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ވުޒާރާއާ ޙަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާކަމަށްވާ "މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް" އަށް ބަދަލުކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު ޤާނޫނަށް ގެނައުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން