ހެކި ގެންގުޅުނު ގޮތް ގޯސްވެ، އުމުރު ދުވަހުގެ ޖަލު ހުކުމަކުން މީހަކު ސަލާމަތްވެއްޖެ!

ކިޔުމަށް ހޭދަވާނީ 2މ 29ސ
ހެކި ގެންގުޅުނު ގޮތް ގޯސްވެ، އުމުރު ދުވަހުގެ ޖަލު ހުކުމަކުން މީހަކު ސަލާމަތްވެއްޖެ!

ފުލުހުންގެ ތަހުގީގުގައި ހެކީގެ ޗެއިން އޮފް ކަސްޓަޑީގެ އިޖުރާއަތު ފުރިހަމަވެފައިނުވާތީ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހަކު، އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތް ވެއްޖެ އެވެ. 

މީގެ ހަތަރު އަހަރު ކުރިން 2014 ވަނަ އަހަރު އެ މީހާ ހައްޔަރު ކޮށްފައިވަނީ މާލެ އިން އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި ހިފައިގެންގޮސް، އައްޑޫސިޓީގެ ކާރަކަށް އަރާ ނައްޓާލުމާއެކުއެވެ. 

މާލެއަށް ނިސްބަތްވާ އެ މީހާ ސ. ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާގެ ދެ ފައިގެ ފަލަ މަސްގަނޑުގައި ފޮށި ބަންދުކުރާ ޓޭޕް އަޅައި މަސްތުވާތަކެތި ރައްކާ ކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. 

ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާގެ ލަގެޖް ބެލުމަށްފަހު، ލައިގެން ހުރި އެއްޗިހި ބޭލުމަށް އެންގުމުން އަމިއްލަ އަށް ފަޓުލޫނު ބާލައި ދެފައިގައި އޮޅާފައިވާ ޓޭޕް ދައްކައި އެނާ ގެނައި އެއްޗެއްސަކީ އެއީ ކަމަށް ބުނެފައިވާ ކަމަށާއި އެއީ އޭނާއަށް މާލެއިން މީހަކު ހަދިޔާއަކަށް ދީފައިވާ އޭނާގެ އަމިއްލަ އެއްޗެހި ކަމަށް އިއުތިރާފް ވެފައިވާ ކަމަށް އެއް ފުލުހަކު ވަނީ ހެކިބަސް ދީފަ އެވެ. ނަމަވެސް އެހެން ފުލުހަކު ބުނެފައިވަނީ، ހައްޔަރު ކުރި މީހާ ގެނައީ މާލެއިން އޭނާއާއި އެހެން މީހަކު ހަވާލު ކުރިއެއްޗެހިތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ. 

އެގޮތުން ވާއަތުފައިގައި 191.7000 ގްރާމް ކެނަބިސް އަދި އަނެއްފައިގައި 214.5000 ގްރާމް ކެނަބިސް ހުރި ކަމަށް ތަހްލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި އޭނާގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ، އޭނާގެ މުވައްކިލުގެ އަތުން މަސްތުވާތަކެތި ފެނުމުގެ ފުރުސަތު ނެތް ކަން ސާބިތު ކުރުމަށް ހެކި ހުށަހަޅަން ބޭނުންވާ ކަމަށެވެ. އެގޮތުން ދެ އެއާޕޯޓުން އޭނާގެ މުވައްކިލު ޗެކް ކުރި ސްޓާފުން ހެކިންގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ހެކި ހުށަހެޅުމުގެ ފުރުސަތުގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ. 

ދައުލަތުން ޗެއިން އޮފް ކަސްޓަޑީގެ ނަމުގައި ހުށަހަޅާފައިވާ ހަތަރު ސަފްހާގެ ޑޮކިއުމަންޓުގައި ހުރީ ކޮމްޕިއުޓަރ ޖެނެރޭޓެޑް މައުލޫމާތުތަކެއް ކަމަށާއި އޭގައި އެއްވެސް ފަރާތެއްގެ ސޮޔެއް ނެތްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ކުށުގެ ވެށިން ނެގުނު މަސްތުވާތަކެތި ނެގުމާއި ހަމައަށް ފެށިގެން ލެބޯޓަރީއަށް އެތަކެތި ފޮނުވައި ތަހުލީލުކޮށް ނިމިގެން އައުމާއި ހަމަޔަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ އެނގެން ނެތްކަން ޝަރީއަތުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ކަމުން ކްރިމިނަލް ކޯޓުން މިމަހުގެ އެއް ވަނަ ދުވަހު ގާޒީ ހުސައިން ފާއިޒް ރަޝާދު ކުރެއްވި ހުކުމްގައި ބުނެފައިވަނީ، ހެކީގެ ގޮތުގައި ހޯދާފައިވާ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ ފުރިހަމަވެފައިނުވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިތުންތަކަށް ބެލުމުން އެގެން އޮތަތީ އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކުކުރުމުގެ ކުށުގެ ދައުވާ ޝަރީއަތައް ސާބިތުނުވާކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.

މިއަދު އޮންލައިން