ކުޑަކުދިންނަށް ޖެހޭ ހިތުގެ ބަލިތަކަށް އާސަންދައިގެތެރެއިން ފަރުވާ ނުލިބެނީ މިހައިތަނަށް އެކަން ހަމަޖައްސާފައި ނެތުމުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ކުޑަކުދިންނަށް ޖެހޭ ހިތުގެ ބަލިތަކަށް އާސަންދައިގެތެރެއިން ފަރުވާ ނުލިބެނީ މިހައިތަނަށް އެކަން ހަމަޖައްސާފައި ނެތުމުން: ރައީސް ޞާލިޙް

ކުޑަކުދިންނަށް ޖެހޭ ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަކީ، އަލަތު ދަރިފުޅު ލިބޭ ދެމަފިރިންނަށް އެކަނި އުފުލޭ ވަރަށްވުރެ ބޮޑު ތަކުލީފެއް ކަމަށާއި ވަރަށް ގިނަ ޚަރަދު ހިނގާ ކަމެއް ނަމަވެސް ހިތާމައަކީ، ޞިއްޙީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، އެފަދަ ކުދީންނަށް ފަރުވާކުރެވޭނެ އިންތިޒާމެއް، މިދިއަ އަހަރުތަކުގައިވެސް ހަމަޖައްސާފައި ނެތި ބައަކު މީހުން އެނިޒާމުގެ ނަހަމަ ބޭނުން ހިފަމުން ދިޔުމުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޚާއްޞަ ޙަފްލާގައި ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ހަށިހެޔޮ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަކީ، މި ސަރުކާރުގެ މައިގަނޑު ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދު ކަމަށާއި އެކަމުގެ ބިންގަލަކީ، ޅަފަތުގެ ޞިއްޙަތު ރައްކާތެރިކޮށްދިނުން ކަމަށެވެ. "ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންގެ ހިތުގެ ދުޅަހެޔޮކަމަށް، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، މި ޖަމްޢިއްޔާއިން ހިންގާ ޕްރޮގްރާމަކީ، މިދެންނެވި ވަޢުދު ފުއްދުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

އޭގެ އިތުރުން، ސްކޫލްތަކުގައި ހިންގާ ކަސްރަތު ޕްރޮގްރާމްތައް ރާވައި ހަރުދަނާކަމާއެކު ހިންގުމަށް، ޓައިނީ ހާރޓްސްއިން ދޭ އެއްބާރުލުން އަޅުގަނޑު ފާހަގަކުރަން. ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ޙަރަކާތްތެރި ދިރިއުޅުމަށް ބާރުއެޅުމަށް، އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ހިންގާ މިފަދަ ކޮންމެ ޙަރަކާތަކަށް ސަރުކާރުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ.

ޤައުމެއްގައި ޞިއްޙީ ނިޒާމެއް އޮތުމުގެ ބޭނުމަކީ، ބަލިވުމުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން އެކަންޏެއް ނޫން. ޞިއްޙީ ނިޒާމެއްގެ ބޭނުމަކީ، އިންސާނާގެ ޞިއްޙަތު ސަލާމަތްކުރުން. އެކަމުގެ ފެށުމަކީ، އެބައެއްގެ ތެރޭގައި ފެތުރޭ ބަލިތަކާއި ރޯގާތަކާ މެދު ހޭލުންތެރިކޮށް، އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލައި އެޅުން.

ތުއްތު ކުދިން އުފަންވާއިރު، ކުރިމަތިވާ ހިތުގެ މައްސަލަތަކަކީވެސް، ރާއްޖޭގެ ނިސްބަތުން ބަލާއިރު، ޞިއްޙީ ބޮޑު މައްސަލައެއް. އެފަދަ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި، އަޅުގަނޑުމެން މިހާރު ހިމަނާފައިވާ ކަމެއް.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިއަންނަނީ، އިޖްތިމާޢީ ޞިއްޙީ އިންޝޫރެންސްގެ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ، އެ ނިޒާމު ހަރުދަނާކޮށް ފުރިހަމަކުރުމަށް. އާސަންދަ އާއި އެންސްޕާއިން މިހާރު އެގެންދަވަނީ އެ މަސައްކަތް ކުރައްވަމުން.

މާތް ﷲގެ ވާގިފުޅާއެކު، އެ މަސައްކަތް ފުރިހަމަވެގެންދާއިރު، އުފަންވާއިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު، ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އެކަމުގައި ޓައިނީ ހާރޓްސްގެ ލަފަޔާއި މަޝްވަރާ އަޅުގަނޑުމެން ހޯދާނަން.

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ މިތިބީ، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، އުފާވެރި ދިރިއުޅުމެއް ހޯދައިދޭން. އެހެންކަމުން، ޓައިނީ ހާރޓްސް ފަދަ، ރައްޔިތުންނާ އެންމެ ގާތުން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއެކު، މި ސަރުކާރުން އަބަދުވެސް ގާތް ގުޅުމެއް ބަހައްޓާނެ.

އަޅުގަނޑުމެން އެންމެންގެވެސް އޮތީ އެއް އަމާޒެއް. އެއް މަޤްޞަދެއް. އެއީ އުފާވެރި ފުދުންތެރި ޢާއިލާއެއް ބިނާކުރުން. އެކަމަށް ވަރަށް ގިނަ ގޮންޖެހުންތަކެއްވެސް އެބަހުރި. ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުން މިއަންނަނީ، އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ގުޅިގެން އުޅޭ ޞުލްޙަވެރި އަމާން މުޖްތަމަޢަކަށް ރާއްޖެ ހެދުމަށް.

އަޅުގަނޑުގެ ދުޢާއަކީ، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ޢާންމު ފަރުދުންނާއި ޖަމްޢިއްޔާތަކާއި ސަރުކާރުން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، އެންމެހައި ދިވެހީންނަށް އުފާވެރި ދިރިއުޅުމެއް މިންވަރުކުރެއްވުން. ފުރިހަމަ ޞިއްޙަތާއި ފުދުންތެރިކަމުގައި ދިރިއުޅުން ވެއަތުކުރުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް މާތް ﷲ މިންވަރުކުރައްވާށި. އާމީން!

މިއަދު އޮންލައިން