ޓައިނީ ހާޓްސް އިން އިންސާނިއްޔަތަށް ކުރާ ޚިދުމަތަށް ފަޚުރުވެރިވަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 56ސ
ޓައިނީ ހާޓްސް އިން އިންސާނިއްޔަތަށް ކުރާ ޚިދުމަތަށް ފަޚުރުވެރިވަން: ރައީސް ޞާލިޙް

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އިން އިންސާނިއްޔަތަށްޓަކައި ކުރަމުން ގެންދާ ޚިދުމަތްތަކަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ޖމިއްޔާގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢްރީފް ކުރައްވައިފިއެވެ.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ޙަފްލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ "އަޅުގަނޑުމެން މި ތަނަށް އެއްވެ މިތިބީ، ވަރަށް މާތް އަދި އެހާމެ މަތިވެރި ޚިދުމަތްތަކެއްގެ ހަނދާން އައުކުރަން" ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޓައިނީ ހާރޓްސްއަކީ އިންސާނިއްޔަތަށްޓަކައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރާ ޖަމްޢިއްޔާއެއް ކަމަށެވެ. "އަޅުގަނޑު ހިތުން، އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށްވުރެ ވަކިން ޝަރަފުވެރި މަސައްކަތެއް ނެތް. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ތެރެއިންވެސް، ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ކުރެވޭ މަސައްކަތަކީ، ވަކީން އަގުބޮޑު ފަޚުރުވެރި މަސައްކަތެއް."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

ބައެއް ކުދިން އުފަންވާއިރު، ހިތުގެ ބަލި ހުރުމަކީ އަބަދުވެސް ކުރިމަތިވަމުން އަންނަ ކަމެއް. ހުރިހާ ޤައުމެއްގައިވެސް ކުރިމަތިވާ ކަމެއް. ރާއްޖޭގައިވެސް ކިތަންމެ ކުދީންނަކަށް އެ މައްސަލަ ކުރިމަތިވެފައި އެބަހުރި. އެފަދަ ބަލިތަކުގައި މިރާއްޖޭގެ ކިތަންމެ ކުދިންނެއްގެ ފުރާނަވެސް ގެއްލިއްޖެ.

ނަމަވެސް، މީގެ 10 އަހަރު ކުރިން، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އުފެދުމާ ހަމައަށް، އެ މައްސަލައަށް، ރާއްޖޭގައި ސަމާލުކަން ދެވިފައެއް ނެތް. ލޯބިލޯބި ތުއްތު ދަރިފުޅު، މަންމައާއި ބައްޕަގެ އަތްދަނޑިމަތީގައި އޮވެ ފުރާނަ ދާއިރުވެސް، މިވަނީ ކީއްކަމެއް ގިނަ މީހުންނަކަށް އޭރަކު ނޭނގެ. އެކަމުގެ ސިއްރު ހޯދާކަށްވެސް ނޫޅެ.

އެ ޙާލަތު މެދުވެރިވަނީ، ކޮންޖެނިޓަލް ހާޓް ޑިޒީސް ކިޔާ ބައްޔެއްގެ ސަބަބުންކަން، ގިނަ ދިވެހީންނަށް އެނގުނީ ވެސް، މި ޖަމްޢިއްޔާ އުފެދުނު ފަހުން. އެ ބައްޔާ މެދު ސަރުކާރުން ސަމާލުކަން ދޭން ފެށީވެސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ނަމުގައި މި ޖަމްޢިއްޔާ އުފައްދައިގެން ކުރި މަސައްކަތުން.

މިއީ ކޮން ބައްޔެއް ކަމާއި، މި ބަލީގެ ފަރުވާތަކާ ބެހޭގޮތުން، ޢާންމު ރައްޔިތުން ހޭލުންތެރިވެގެން ދިޔައީވެސް، ހަމަ މި ޖަމްޢިއްޔާގެ ފައުންޑަރުންނާއި މެމްބަރުންގެ ބުރަ އަދި ހީވާގި މަސައްކަތުން. އެހެންކަމުން، މި ޖަމްޢިއްޔާގެ ފައުންޑަރުން ކަމަށްވާ ޢަލީ މުޢާޒާއި ފާޠިމަތު ހިޝްމަތު ފާއިޒަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

މި ޖަމްޢިއްޔާގެ ފެށުމަކީ، މުޢާޒާއި ހިޝްމަތަށް ލިބުނު އަލަތު ފިރިހެން ދަރިފުޅު، އާދެ، ކިޔާން، އެންމެ ދެ މަހާއި ބައިގެ ތެރޭގައި މި ދުނިޔެ ދޫކުރުން. އެއީ ތަޙައްމަލްކުރަން ދަތި ވަރަށް ފުން ހިތާމައެއް. ނަމަވެސް އެ ހިތްދަތިކަމުގައި، ކަރުނައިގެ އަސާގަނޑު ވިއްދަމުން، މުޢާޒާއި ހިޝްމަތު ތެދުވެ އެ ދެއްކި ހިތްވަރަކީ، މުޅި ޤައުމު އެކަމުގެ އަގުވަޒަންކުރުން ޙައްޤު ނަމޫނާ ހިތްވަރެއް.

އެ ދެމަފިރިންގެ ހިތްވަރުގެ ކާމިޔާބީއަކީ، އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން ދުރާލައި ދެނެގަނެވި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އުފަންވި، އެފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވުން. އެހެންކަމުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މުޢާޒާއި ހިޝްމަތުގެ އެ އިސްނެގުމަކީ، އެންމެހައި ދިވެހީންނަށްޓަކައި ފެށްޓެވި ވަރަށް އަގުހުރި ޤައުމީ ޚިދުމަތެއް. ޓައިނީ ހާރޓްސްގެ ޚިދުމަތުގެ ކާމިޔާބީ ފާހަގަކުރަނީ ހަމައެކަނި މިރާއްޖެއަކު ނޫން. ވޯލްޑް ހާރޓް ފެޑެރޭޝަންގެ މެމްބަރުކަން، 2017 ވަނަ އަހަރު ރާއްޖޭގެ ޓައިނީ ހާރޓްސްއަށް ލިބުމަކީ، އަޅުގަނޑުމެން އެންމެންނަށް، އާދެ، މުޅި ޤައުމަށް ލިބިގެންދިޔަ ޝަރަފެއް. އެކާމިޔާބީގެ އަގު މި ސަރުކާރުން ވަޒަންކުރަނީ، ރާއްޖޭގެ މުޅި ޞިއްޙީ ނިޒާމަށް ލިބުނު ކާމިޔާބެއްކަމަށް ދެކިގެން.

ހިތާއި ލޭނާރުތަކުގެ ބައްޔާ ދެކޮޅަށް، އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަނީ ވޯލްޑް ހާރޓް ފެޑެރޭޝަނުން. ނަމަވެސް، އުފެދުމުގައި ހިތުގެ ބަލި ހުންނަ ތުއްތު ކުދީންނާއި، އެ ކުދީންގެ ހިތުގެ ދުޅަހެޔޮކަމަށް ދޭންޖެހޭ ސަމާލުކަން، އެޖަމްޢިއްޔާގެ މަސައްކަތުގެ ތެރެއަށް އިތުރުވެގެން ދިޔައީ، ޓައިނީ ހާރޓްސް ސަބަބުން. މިއީވެސް މި ޖަމްޢިއްޔާގެ ކާމިޔާބީއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހޭ ކަމެއް.

އަދިވެސް، މި ޖަމްޢިއްޔާއިން ޙާޞިލްކޮށްފައިވާ ރަން މެޑެއްޔެއް އަޅުގަނޑު ފާހަގަކޮށްލާނަން. ބައިނަލްއަޤްވާމީ އެއްވެސް ޖަމްޢިއްޔާއެއްގެ ވެބްސައިޓެއްގައި، ދިވެހި ބަހުން ހުރި ލިޔުމެއް އަދި އަޅުގަނޑުމެން ނުދެކެން. ނަމަވެސް، މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް، ވޯލްޑް ހާރޓް ފެޑެރޭޝަނުން ތައްޔާރުކޮށްފައިވާ، ހޭލުންތެރިކުރުމުގެ ލިޔުންތައް އެ ޖަމްޢިއްޔާގެ ވެބްސައިޓުގައި ދިވެހި ބަހުން ހިމަނާފައި އެބަހުރި.

ދިވެއްސަކަށްވީތީ، މިއީ ހަމަގައިމުވެސް އަޅުގަނޑު ފަޚުރުވެރިވާ ކަމެއް. މި ދެންނެވި ލިޔުންތައް އެ ވެބްސައިޓްގައި ހިމަނާފައިވަނީ، ޓައިނީ ހާރޓްސްގެ އެހީތެރިކަމާއެކު، ދިވެހި ބަހަށް ތަރުޖަމާކޮށްގެން. މިއީ ވެސް ޓައިނީ ހާރޓްސްގެ ޚިދުމަތް، ދުވަހުން ދުވަހަށް ފުޅާވެ ކުރިއަރަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރާ މިއުފާވެރި މުނާސަބަތުގައި މި ޖަމްޢިއްޔާގެ ފައުންޑަރުންނަށާއި ހުރިހާ މެމްބަރުންނަށް، އަދި މި ޖަމްޢިއްޔާއިން ޚިދުމަތް ހޯދާ ހުރިހާ ކުދިންނަށާއި ޢާއިލާތަކަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން.

މިއަދު އޮންލައިން