އިސްލާމްދީނުގެ އަސްލަކާއި ގާނޫނުއަސާސީއާ ޚިލާފު އެއްވެސް މި ސަރުކާރުން ކަމެއް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު މ. ސީނާ ޑރ. އަޒްމިރަލްދާ ޒާހިރު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މ. ކޮކާހަނދުވަރު އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ފޮނުއްވި މައްސަލައިގައި ދީނީ އިލްމުވެރިން ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ރިއާޔައްކުރައްވާތޯ ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހޫދު ވިދާޅުވެފައިވަނީ އިސްލާމްދީނުގެ އަސްލަކާއި ހިލާފު އަދި ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުއްވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އަންހެނުންނަށް ފަނޑިޔާރުކަން ކުރުން އިސްލާމްދީނުގައި ހުއްދަ ނޫން ކަމަށް ބުނެ ދީނީ ބައެއް އިލްމުވެރިން ދަނީ އެކަން ނުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.