ކޯޓުތަކުގެ ބޭރުން މައްސަލަތައް ޙައްލުކުރުމުގެ ނިސްބަތް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާ، އޭގެ ފައިދާ ފެންނަމުން އަންނަކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެހީގައި މޯލްޑިވްސް އިންޓަރނޭޝަނަލް އާރބިޓްރޭޝަން ސެންޓަރާއި ސްރީލަންކާގެ ސިލޯން ޗެމްބަރ އޮފް ކޮމާސް ގުޅިގެން "ޖުޑީޝަލް އެކްސްޗޭންޖް އޮން އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން"ގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުން ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަސައްކަތު ބައްދަލުވުން ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓްތަކުގެ ބޭރުން މައްސަލަތައް ހައްލުކުރުމުގެ ނިޒާމް ނުވަތަ "ޑިސްޕިއުޓް ރިސޮލިއުޝަން" ނިޒާމަކީ ރާއްޖެއަށް ވަރަށް މުހިންމު ނިޒާމެއްކަމަމަށެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކޯޓުން ބޭރުން މައްސަލަތައް ހައްލުކުރުމުގެ ނިސްބަތް ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށެވެ. އެގޮތުން 2015ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ދެމެދު ސިވިލް ކޯޓުން އެކަނިވެސް ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާއަށް ހުށައެޅި މައްސަލަތަކުގެ ނިސްބަތް 63 އިންސައްތައަށް އަރާކަމަށާއި، އޭގެ ތެރެއިން ފަންސާސް އިންސައްތަ މައްސަލަ ކާމިޔާބުވެފައިވާކަމަށެވެ.
"ޑިސްޕިއުޓް ރިސޮލިއުޝަން" ނުވަތަ ކޯޓުން ބޭރުން މައްސަލަތައް ހައްލުކުރުމުގެ ފައިދާގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓްތަކުގައި މައްސަލަތައް ނުނިމިހުންނަ ހުރުން އަވަސްވެ، އެކަމަށް ޚަރަދުވާ ފައިސާއާއި، އެ މައްސަލަތަކާއި ގުޅިގެން ޢާންމު ފަރާތްތަކުން ކުރަންޖެހޭ ޚަރަދު ކުޑަވެ ދެފަރާތުން ބޭނުންވާ ހައްލުތައް ހޯދޭކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.