ކަޝްމީރު މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ މައުލޫމާތު ޕާކިސްތާނުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ހިއްސާ ކުރައްވައިފިއެވެ.
ޕާކިސްތާކުގެ ޚާރިޖީ ވަޒީރު މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީ ވަނީ ޝާހިދަށް ފޯނުން ގުޅުއްވާ، ޖައްމު އާއި ކަޝްމީރުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތާއި، އިންޑިއާއިން އެޤައުމުގެ ޤާނޫނު އަސާސީގެ 370ވަނަ މާއްދާ އުވާލުމާއިމެދު ޕާކިސްތާނުން ދެކޭ ގޮތުގެ މައުލޫމާތު އަރުވާފައެވެ.
އެމަނިކުފާނަށް ފޯނުން ގުޅުއްވިކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ ޤުރޭޝީއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިންޑިއާއަކީ ދިވެހިރާއްޖެއާއި ވަރަށް ރަޙުމަތްތެރި ދެ ޤައުމުކަމަށާއި، އެ ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއި އެކު ހައްލުކުރުން މުހިއްމުކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިންޑިއާގެ ޤާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާޚިލީކަމެއްކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށް ވިދާޅުވަމުން، ދިވެހިރާއްޖެއިން އަބަދުވެސް ޕާކިސްތާނުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަޤީންކަން އެޤައުމުގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދު އެރުވިއެވެ. އަދި ދެޤައުމު ގުޅުން ކުރިއަށް އޮތްތަނުގައިވެސް ބަދަހިކަންމަތީ އޮންނާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ކަޝްމީރް އިންޑިއާގެ ހިންދޫންގެ ބާރުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އިންޑިއާއިން ވަނީ ކަޝްމީރްގެ ގިނަ އަދަދެއްގެ މުސްލިމުން ގަތުލުކޮށް، އެތަކެއް މުސްލިމުންނަކަށް އަނިޔާދީފައެވެ. މިމައްސަލަ ޕާކިސްތާނުން ވަނީ ދުނިޔޭގެ ކޯޓަށް ހުށަހެޅުމަށް ވެސް ނިންމާފައެވެ.