ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓު ކައުންސިލުތަކަށް ހާއްސަކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރަންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ބަދަލު ގެނައުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅަން ނިންމާފައިވާކަމަށާއި ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓު ކައުންސިލުތަކަށް ހާއްސަކުރެވޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ ލޯކަލް ކައުންސިލުތައް މާލީގޮތުން ލާމަރުކަޒީކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއިސްލާހާއެކު ރަށްރަށުގެ އިހްތިސާސުގައި ހިމެނޭ ތަންތަނުގެ ކުލީގެ އާމްދަނީވެސް ކައުންސިލަށް ލިބުމާއި ކައުންސިލުން ކުންފުންޏާއި ކޯޕަރޭޓިވް ސޮސައިޓީތައް އުފައްދައިގެން ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ފަހިވެގެން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ ކައުންސިލުތައް ބާރުވެރިކޮށް، މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.