ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ބިން ކުއްޔަށް ދިން އެއްބަސްވުމާ މެދު އެޓާނީ ޖެނެރަލްގެ ފަރާތުން ހޯދަން އެދުނު ގާނޫނީ ލަފާ ނުލިބެނީސް ނަސަންދުރައިގެ މައްސަލައިގަ ގޮތެއް ނުނިންމޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާލުވީ އެ ކޮންޓްރެކްޓް މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން ދަތި ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރުސީއާ ގުޅޭ ކަންކަމުގައި ގާނޫނީ ލަފާ ނަގައިގެން ނޫނީ ޓޫރިޒަމް މިނިސްޓްރީން އަމަލު ނުކުރަން ރިޕޯޓްގައި އަންގާފައިވާކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް އެ ގާނޫނީ ލަފާ ލިބުނީމާ އެއަށް ގޮތެއް ނިންމޭނީ،" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން އޭޖީ އޮފީހުގައި ގާނޫނީ ލަފައަކަށް އެދުނީ ފެބްރުއަރީ މުހުގެ 6 ވަމަދުވަހުގައި ކަމަށާއި އެހެންނަމަވެސް އޭޖީގެ މަސައްކަތް ލަސް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާލުވިއެވެ.