ޕޯސްޓުން ގެންނަ ބޭހުގެ ވިޔަފާރި ކުރުން މަނާ ‍- ވިއްކާ ނަމަ ފިޔަވަޅާނަން: ހެލްތު މިނިސްޓްރީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޕޯސްޓުން ގެންނަ ބޭހުގެ ވިޔަފާރި ކުރުން މަނާ ‍- ވިއްކާ ނަމަ ފިޔަވަޅާނަން: ހެލްތު މިނިސްޓްރީ

އޮންލައިން އިން ޕޯސްޓު މެދުވެރިކޮށް ގެންނަ ބޭހުގެ ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށާއި އެގޮތަށް އެތެރެކުރާ ބޭހުގެ ވިޔަފާރި ކުރާނަމަ ފިޔަވަޅާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ އޮންލައިންކޮށް ގަނެގެން ޕޯސްޓުގެ ޒަރީއާއިންނާއި އަތްމަތީ ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް، އެކި ގޮތްގޮތަށް، ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ ބާވަތްތަކުގެ ބޭސްތައް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށާއި ވިޔަފާރީގެ ގޮތުގައި އެއްވެސް ބާވަތެއް ބޭހެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެއްކަމަށެވެ.

މިގޮތަށް އެތެރެކުރާ ބައެއް ބޭހުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް ލޭބަލްގައި ހިމަނާފައި ނުވާއިރު ބޭހުގައި އެކުލެވިގެންވާ މާއްދާތައް ކިޔަން އެނގޭނެހެން ލޭބަލްތަކުގައި ނުހުންނަ ކަމަށާއި މިބާވަތުގެ ބޭސްތަކަކީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށް، އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސްތަކެއް ނޫން ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ގަވާއިދާ އެއްގޮތަށް ނަންގަވަން ޖެހޭ ހުއްދަތައް ނުނަގާ މިގޮތަށް ބޭސް އިމްޕޯޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި މިފަދަ ފަރާތްތަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި ވެސް  ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން