ތުލުސްދޫގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރައިލި ކ. ތުލުސްދޫ/ ބިޖިލީއުފާ އަލީ ޝިހާމްގެ މަރުގެ މައްސަލައިގައި ދީނީ ޢިލްމްވެރިއެއްގެ ލަފާ ހޯދަން ނިންމައިފިއެވެ.
އެއީ ޝިހާމްގެ ބާލިޣުނުވާ ދެ ދަރިންގެ ފަރާތުން ޝިހާމްގެ އަންހެނުން މަރަށް މަރުހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީއެވެ.
ފަނޑިޔާރު ވިދާޅުވީ ބާލިޣުނުވާ ކުޑަކުދިން ތިބި ނަމަ، މަރުގެ މައްސަލަތަކުގައި އަމަލުކުރާނޭ ގޮތަކާއިމެދު އެކުދިންގެ ފަރާތުން އެކުދިންގެ މަންމައަށް ގޮތެއް ނިންމިދާނޭ ކަމަށް މާލިކީ މަޒުހަބުގައި ބުނެފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ނިޔާޒު ވިދާޅުވީ، ގާނޫނު އަސާސީގައި އޮންނަނީ އެފަދަ މައްސަލަތަކުގައި މަޒުހަބްތަކުގެ ރައުޔު ހޯދުން ނޫން ކަމަށާއި ގާނޫނު އަސާސީގައި ބުނެފައި ވަނީ، އިތުބާރު ހިފޭ އިލްމްވެރިންގެ ބަސް ހޯދުމަށް ކަމަށެވެ.
ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލުން ވަނީ އެކަން ސާފުކޮށްދިނުމަށް އިތުރު އަޑުއެހުމެއް ބާއްވައި ދެއްވުމަށް އެދިފައެވެ. ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމީ މަރުގެ މައްސަލައަކަށް ވުމާއިއެކު އަދި އެކަމަކީ ދިރާސާތަކެއް ކޮށްގެން ވަގުތު ބޭނުންވާނެ ކަމަކަށް ބެލެވޭތީ އިތުރު ވަގުތު ދިނުމަށް ފަހު އަޑުއެހުމެއް ބޭއްވުމަށެވެ.
ޝިހާމުގެ ވާރިސުންގެ ތެރެއިން އޭނާގެ ބައްޕަ ފަރާތު މާމައާއި އޭނާގެ އަންހެނުން، ވަނީ ޤާތިލުގެ ކިބައިން ގިޞާސް ހިފަން ބޭނުން ކަމަށް ބުނެފައެވެ.
2014 ވަނަ އަހަރު ޝިޙާމް އަށް ވަޅިން ހަމަލާދީ މަރާލެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި އެކަމަށްޓަކައި ޝިހާމްގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށް އޭނާގެ ގާތިލު، އެރަށު ރެޑްރޯސް މުޙައްމަދު ނިޔާޒް ވަނީ ބުނެފައެވެ.