ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ޢަޟްޙާ ޢީދު ދުވަހު ގިނަ އަދަދެއްގެ ޖަނަވާރުތައް ޤްރުބާން ކުރުމުން ހުރިހައި ކަމެއް ފުރިހަމަކުރެވުނީ ކަމަށެވެ. އެތައް ސަތޭކަ ޖަނަވާރުތަކެއް ކަތިލައި ޤައުމުތަކަށް ފޮނުވުމުން އެއޮތީ ހުރިހާ ކަމެއް ފުރިހަމަކުރެވިފައި ކަމަށެވެ.
މީސްތަކުންނޭވެ. އިސްލާމް ދީނުގައި ޤްރުބާން ކުރުމަކީ އެއަށްވުރެ މާމަތިވެރި ޢަމަލެކެވެ. އެއީ އެހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. ތިބާގެ ކިބައިގައި ހުރި "ޖަނަވާރުކަން"، ތިބާ ކުރަމުން ގެންދާ ޙަރާމް ކަންކަން ކަތިނުލައި ޖަނަވާރެއް ނުވަތަ ޖަނަވާރުތަކެއް ކަތިލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ބައެއް މީހުންނަކީ ދޮގު ހަދާ މީހުންނެވެ. އަނެއްބައި މީހުންނަކީ އަނބިދަރިންނާއި ޢާއިލާގެ މީހުން ބިރުގަންނަހައި ހަރުކަށި ޢިބާރާތުން މުޚާޠަކުރާ މީހުންނެވެ. އަނބިދަރިންނާއި ޢާއިލާގެ މީހުންނާއިމެދު އަނިޔާވެރި އަމަލުތައް ކުރާ މީހުންނެވެ. ވައްކަންކުރާ މީހުންނެވެ. ބަރަހަނާ ފިލްމްތައް ބަލައި އެފަދަ އަމަލުތައް ކުރާ މީހުންނެވެ. މިފަދަ ނުބައި، ﷲ ތަޢާލާ ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ އެތައް ކަމެއްކުރާ މީހުންނެވެ. އެކަންކަން "ކަތިނުލައި" ޖަނަވާރެއް ނުވަތަ ޖަނަވާރުތަކެއް ކަތިލުމުން ތިމާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ތަނަވަސްކަން ހުރި ނަމަ ޤްރުބާން ކުރާށެވެ! ނަމަވެސް އެންމެ ކުރިން ޤްރުބާންކުރަންވީ ތިމާގެ ކިބައިގައި ހުރި ނުބައި ސިފަތަކެވެ. ތިމާ ކުރަމުން ގެންދާ ނުބައި އަމަލުތަކެވެ. ތަނަވަސްކަން ނެތް މީހުންނަށް ޖަނަވާރު ޤްރުބާން ނުކެރެވުމަކީ މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ އެންމެންގެ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެނގޭ ކަމަކީ ތަނަވަސްކަން ނެތިގެން ޖަނަވާރެއް ޤްރުބާން ނުކުރެވުނު ނަމަވެސް ތިމާއަށް ކުރެވޭ، ކުރިން ބަޔާން ކުރި ފަދަ ނުބައި އަމަލުތައް ޤްރުބާން ނުކުރެވޭނެ މީހަކު ނުހުންނާނެ ކަމެވެ. އަވަހަށް އެކަންކަން "ކަތިލައި" ނިންމައިލާށެވެ! އެވެވެނީ ހާދަ މަތިވެރި ޤްރުބާނީއެކެވެ!
- މުފްތީ މެންކުގެ ބަސްފުޅުން (އޯޑިއޯ):