ނިޔާވި ދިވެހި ހައްޖުވެރިޔާ ސީމާ މޫސާ މައްކާގެ އައްޝަރާއިޢު މަޤްބަރާގައި ވަޅުލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ނިޔާވި ދިވެހި ހައްޖުވެރިޔާ ސީމާ މޫސާ މައްކާގެ އައްޝަރާއިޢު މަޤްބަރާގައި ވަޅުލައިފި

ކޯމާއަކަށް ގޮސްފައިވަނިކޮށް އިއްޔެ ދިވެހި ހައްޖުވެރިޔާ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ ،38 މައްކާގެ އައްޝަރާއިޢު މަޤްބަރާގައި ވަޅުލައިފިއެވެ.

މިކަމާގުޅިގެން ދިވެހި ހައްޖު މިޝަނުން ބުނެފައިވަނީ މިނާގައި ނިޔާވި ދިވެހި ޙައްޖުވެރިޔާ ވަޅުލާފައިވަނީ މައްކާގެ އައްޝަރާއިޢު މަޤްބަރާގައި ބްލޮކް ނަންބަރު 12 މަހާނަ ނަންބަރު 590 ގައި ކަމަށެވެ. 

ސީމާ މޫސާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ ރޭ ފަތިސްނަމާދަށްފަހު ހަރަމްފުޅުގައެވެ.

އުމުރުން 38 އަހަރުގެ ސީމާއަށް ސްޓްރޯކް ޖެހުނީ ޢަރަފާތުގެ އަޅުކަން ނިންމައި މިނާއަށް އައިސް ޢީދު ދުވަހު ހިލަ އުކުމަށްފަހު އެނބުރި އައިސް މިނާ ޓެންޓްގައި ހުއްޓައެވެ. އިތުރު ފަރުވާއަށް ގެންދެވޭވަރުވެސް ނުވުމުން ސީމާ ބާއްވާފައި އޮތީ "މިނާ އަލްވާދީ" ހޮސްޕިޓަލުގެ އައިސީޔޫގައެވެ. 

ސީމާ ޙައްޖަށް ގޮސް ހުރީ އޭނާގެ ފިރިމީހާ އާއިއެކުގައެވެ. ދެމަފިރިންނަށް ވަނީ 3 ކުދިން ލިބިފައެވެ. ދޮށްޓަށް ލިބިފައިވަނީ 2 އަންހެންކުދިންނެވެ. އެންމެ ހަގަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ހަގު ކުއްޖާގެ އުމުރަކީ 5 އަހަރެވެ. 

ސީމާގެ ފުރާނައަށް ހެޔޮ ރަހްމަތް ލެއްވެވުން އެދި ދުޢާކުރަމުއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ. 

މިއަދު އޮންލައިން