ހަރުދަނާ ޒުވާނުންނާ ނުލައި، އެއްވެސް މުޖްތަމަޢެއް ކުރިނާރާނެ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ހަރުދަނާ ޒުވާނުންނާ ނުލައި، އެއްވެސް މުޖްތަމަޢެއް ކުރިނާރާނެ: ރައީސް ޞާލިޙް

ހަރުދަނާ ޒުވާނުންނާއި ނުލައި، އެއްވެސް މުޖްތަމަޢެއް ކުރިނާރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެމަނިކފާނު މިމޭރުމުން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވީ ކޮންމެ ޤައުމެއްގައި ވެސް، އެންމެ ހަރުއަޑުން، އަބަދުވެސް ދެކެވެނީ ޒުވާނުންގެ ވާހަކަ އާއި ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަކަމަށެވެ.  އަދި ޒުވާނުން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމާއި، ޤައުމު އާރާސްތުކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ވާހަކަކަމަށްވާއިރު މިއިން އެނގެނީ، އިންސާނީ ކޮންމެ މުޖްތަމަޢަކަށް، ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރު ކަމަށެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ދީނީ ޢިލްމުވެރިން ގެންދަވަނީ އިސްލާމް ދީނަސް ދިވެހި ޒުވާނުންގެ ހިތްތަކުގައި ލޯބި ޖެއްސުމަށްޓަކައި އިތުރަށް މަސައްކަތްކުރަން ގޮވާލައްވަމުންނެވެ. ތައުލީމީ ނިޒާމުގެ ހުރިހާ މަރުހަލާތަކެއްގައިވެސް އިސްލާމް ދީނުގެ ބައިތައް ހިމަނައި އުނގަންނައި ދިނުމަށް ގޮވާލައްވަމުންނެވެ. 

ޔުނިވަރސިޓީތަކުން ތައުލީމު ދޭއިރުވެސް އިސްލާމްދީނުގެ ބައިތައް އުނގަންނައިދިނުމަށް ޢިލްމުވެރިންގެ މަހާސިންތާގައި ގޮވައިލެއްވިތާ 3 އަހަރުވެފައިވާއިރު އެކަމަށް އަދި މިހައިތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާތީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.   

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚިޠާބުގައި ވަނީ ޒުވާނުންނަށާއި ޒުވާނުން ބިނާކުރުމަށް މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކަސް ތަހުނިޔާ ވިދާޅުވެފައެވެ. 

"މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ، މި އަހަރުގެ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ޒުވާނުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާ އެކު، މަރުޙަބާ އާއި ތަހުނިޔާ ދަންނަވަމެވެ. އަދި ހެޔޮ ގޮތުގައި ޒުވާނުން ބިނާކޮށް، ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ."

މިއަދު އޮންލައިން