މާތްﷲ އިބްރާހީމްގެފާނަށް ކުރިމަތި ކުރެއްވެވި 2 އިމްތިޙާނަކީވެސް އިސްލާމީ އުންމަތަށް ލިގެން ގޮސްފައިވާ ވަރަށް ވަރުގަދަ 2 ޢިބްރަތެވެ. އިސްލާމީ އުންމަތުގެ ވެރިންނާއި ހުރިހާ މުސްލިމުން އެކަންކަމަށް ވިސްނައިލަން ޖެހޭނެ ކަންކަމެވެ.
ފުރަތަމަ އިމްތިޙާނަކީ ނުހަނު ހަގު ޢުމުރުފުޅުގައި އެ ބިޔަ ބޮޑު އަލިފާންގަނޑަށް އެއްލަވައި ލެއްވެވުމެވެ. އެވަގުތު ޖިބްރީލްގެފާނު ވަޑައިގެން އެއްވެސް ކަމަކު އެދިވަޑައިގަންނަވަމުތޯ ސުވާލު ކުރެއްވެވި ހިނދެވެ. ވަރަށް ސާބިތު ކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން ނޫން ފަރާތަކުން އެއްވެސް އެހީތެރިކަމަކަށް ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ދެއްވެވި ޖަވާބެވެ. އެ ޖަވާބުގެ ސަބަބުން އެ ބިޔަ ބޮޑު އަލިފާންގަނޑު އެކަލޭގެފާނަށްޓަކައި ރަހްމަތުން ފުރިގެންވާ ފިނިތަނެއްކަމުގައި ﷲ ތަޢާލާ ލެއްވެވި ގޮތެވެ.
މިއަދު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ވެރިންގެ ޙާލު ހުރިގޮތާއިމެދު ކޮންމެ މުސްލިމަކުވެސް ވިސްނައިލުން ރަނގަޅެވެ.
ދެވަނަ އިމްތިޙާނަކީ ނުހަނު މުސްކުޅިފުޅުވެފައި ހުންނަވަނިކޮށް ލިބިވަޑައިގެންނެވި ދަރިކަލުން އިސްމާޢީލްގެފާނު ޤްރުބާން ކުރެއްވެވުމަށް ﷲ ތަޢާލާ އެންގެވި އެންގެވުމެވެ. ޖަވާބުފުޅުގައި އިބްރާހީމްގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ފުރިހަމަ ނަމޫނާއެވެ. އަޟްޙާ ޢީދުގައި އަޅުގަނޑުމެން ޤްރުބާންކޮށް މި އައުކުރަމުން ގެންދަނީ އެކަމުގެ ހަނދާންތަކެވެ. ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރެވޭނީ އެ ހަނދާންތައް އައުކުރުމާއިއެކުގައެވެ.
މިހުރިހާ ކަމެއް ކީރިތި ޤްރުއާނުގައި ބަޔާންކުރައްވަވާފައިވީނަމަވެސް މިއަދު އަޅުގަނޑުމެން މުސްލިމުންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ އިސްލާމީ ޤައުމުތަކުގެ ވެރިންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ ލޮލަށް ފެނުމުން ޢިބްރަތް ޙާޞިލު ނުކުރެވޭ މީހާގެ ކަނުކަން ލޮލަށް ނުފެންނަ މީހާއަށްވުރެ މާބޮޑުކަމަށްބުނެވެނީ އެ ސަބަބަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން