އުރީދޫގެ ކޮންމެ ޚިދުމަތެއް ޤަތަރަށްފަހު ތައާފްކުރަނީ ރާއްޖޭގަ - މިއީ ރާއްޖެއަށް ދޭ ވަރަށް ބޮޑު އިސްކަމެއް!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
އުރީދޫގެ ކޮންމެ ޚިދުމަތެއް ޤަތަރަށްފަހު ތައާފްކުރަނީ ރާއްޖޭގަ - މިއީ ރާއްޖެއަށް ދޭ ވަރަށް ބޮޑު އިސްކަމެއް!: ރައީސް ޞާލިޙް

އުރީދޫއަކީ، މެދުއިރުމައްޗާއި އުތުރު އެފްރިކާ، އަދި ދެކުނު އިރުމަތީ އޭޝިޔާގައި، ޖުމްލަ 10 ޤައުމެއްގައި ޚިދުމަތް ދޭ، ބައިނަލްއަޤްވާމީ ބޮޑު ކުންފުންޏެއް ނަމަވެސް، މޯބައިލް ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް އުފަންވާ ކޮންމެ ޚިދުމަތެއް، ޤަޠަރަށް ފަހުގައި، އުރީދޫން ދެން ތަޢާރަފްކުރާ ޤައުމަކީ، ބައި މިލިއަންވެސް ހަމަނުވާ މި ދިވެހިރާއްޖެ ކަމަށާއި މިއީ އެކުންފުނިން ރާއްޖެއަށް ދޭ ވަރަށް ބޮޑު އިސްކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އުރީދޫގެ އީ-ކޮމާރސް ޕްލެޓްފޯމް [މޫލީ] އިފްތިތާޙުކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހިރާއްޖެއަށް އުރީދޫން އެހައި ބޮޑު އިސްކަމެއް ދެނީ، ކީއްވެތޯ ވިސްނައިލުން ވަރަށް މުހިންމު ކަމަށެވެ. "އާދެ! އެއިން އަންގައިދެނީ، ދިވެހީން ޑިޖިޓަލް ޓެކްނޮލޮޖީއަށް ފަރިތަވެފައިވާ މިންވަރު. ދިވެހިން ޒަމާނީ ޓެކްނޮލޮޖީއަށް ބޭނުންޖެހިފައި ތިބި މިންވަރު. އަދި ދިވެހިރާއްޖެއަކީ ރަނގަޅު އަގުގައި ޓެކްނޮލޮޖީ ވިއްކަން ފަސޭހަ ބާޒާރެއްކަން."

"އުރީދޫއަކީ، ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމެންޓްތައް ހިންގޭނެ ކަމުގެ ނަމޫނާ ކުންފުންޏެއް. އެފަދަ ކިތަންމެ އިންވެސްޓްމެންޓެއް މިހާރުވެސް ރާއްޖޭގައި އެބަ ހިންގާ. އަދި އެ އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާއަށްވުރެ، ރާއްޖެއަށް ލިބޭ މަންފާ ވަކިން ކުޑަނޫންކަން، އުރީދޫން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. މިއަދުވެސް އަޅުގަނޑުމެން މިތިބީ ފޮރިން އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް".

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އުރީދޫން ތަޢާރަފްކުރި ޚިދުމަތްތަކުން އަޅުގަނޑުމެންނަށް އެނގެނީ، ޒަމާނީ ޓެކްނޮލޮޖީއާ ފައިހަމަވާނެ ގޮތަށް އިންސާނުން ބިނާކުރުމަކީ، ރާއްޖޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްކަމެވެ. "އެހެންވީމާ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓް ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އަދި މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތުވެސްމެ."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އެކަމުގައި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް، ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ. "މިހާރުވެސް އެ ދައުރު އަދާކުރަމުން އެބަދޭ. އެހެން ނަމަވެސް، އެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް އަޅުގަނޑު ދެކެން."

"އުރީދޫގެ ފަރާތުން، ރާއްޖޭގެ މުވާޞަލާތީ ދާއިރާއަށް ދެމުން އަންނަ ޚިދުމަތްތަކަށް، އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން. މި ކުންފުންޏަށް އަޅުގަނޑު އަބަދުވެސް އެދެނީ، ކުރިއެރުމާއި ކާމިޔާބު. އަދި ޤައުމުގެ ތަރައްޤީއަށްޓަކައި މީހުން ބިނާކުރުމުގެ މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި، އުފާވެރި ތަނަވަސް ދިރިއުޅުމެއް، އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

މިއަދު އޮންލައިން