ޢާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ޙަޤީޤީ މަންފާއެއް ނުލިބޭނެ ކަމަށާއި މިއަދު ވިސްނަންވީ، ހަމައެކަނި ވިޔަފާރީގެ ފައިދާއަކަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އުރީދޫގެ އީ-ކޮމާރސް ޕްލެޓްފޯމް [މޫލީ] އިފްތިތާޙުކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ކަމަށާއި އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި އުރީދޫގެވެސް އަމާޒަކީ ހަމަ އެއީ ކަމަށެވެ.
"ތަފާތު އެޕްލިކޭޝަންތަކާއި ވެބްޕޯޓަލްތައް ކިތަންމެވަރަކަށްވެސް، އަޅުގަނޑުމެންނަށް ތަޢާރަފް ކުރެވިދާނެ. އަސާސީ ކިތަންމެ ޚިދުމަތެއް، އަތުގެ އިނގިލި ކުރިއާ ހަމައަށް ގެނެވިދާނެ. ނަމަވެސް، ޑިޖިޓަލް ޓެކްނޮލޮޖީގެ ފުރާނައަކީ އިންޓަރނެޓް. އަދި، ޓެކްނޮލޮޖީގެ ދުނިޔޭގައި، ހުރިހާ ޤައުމުތައް، އެއް ދުލަކުން ވާހަކަދައްކާ ބަހުރުވައަކީވެސް އިންޓަރނެޓް".
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިހާރަށް ވިސްނާނަމަ، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ، އެއިގެ ޒާތުގައިވެސް އަސާސީ ޚިދުމަތެއް ކަމަށެވެ. އެއާއި ނުލައި ދިރިނޫޅެވޭ ވަރަށް، ޒުވާނުންނާ ގުޅިފައިވާ އެއްޗެއް ކަމަށާއި އެހެންކަމަސްވުމުން އިންޓަރނެޓްގެ އަގުތައް، އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި ދާން ބޭނުންވާ، ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތުނުވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ ކަމަށެވެ. "ވަކިން ޚާއްޞަކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މާ ބޮޑު. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް، މުވާޞަލާތީ ކަންކަމަށްފަހު، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައި. އާދެ! އިންސާނުން ބިނާކުރުމަށް."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ދިވެހިން ފަރިތަވެފައި ތިބި މިންވަރަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް، ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރުމަކީ، ޚިދުމަތްދޭ ފަރާތްތަކަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓަކަށް ވާނެކަން ޔަޤީން ކަމަށެވެ.