އުރީދޫ އިން މިރޭ މި އިފްތިތާޙްކުރި މޫލީ ޕްލެޓްފޯމަކީ، އިލެކްޓްރޯނިކް ވިޔަފާރިއަށް ފަހި މާޙައުލަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށާއި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، ކުދި އަދި މެދު ފަންތީގެ އިލެކްޓްރޯނިކް ވިޔަފާރިތައް ހިންދެމިލުމަށް، ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އުރީދޫގެ އީ-ކޮމާރސް ޕްލެޓްފޯމް [މޫލީ] އިފްތިތާޙުކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހީންނާއިގެން ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިއުމަށް، އުރީދޫން ފަށާފައިވާ ދަތުރުގައި، މިއަދު އަޅުގަނޑުމެންނަށް މި އާދެވުނީ މުޅިން އައު މަންޒިލަކަށް ކަމަށެވެ. އަދި މި މަންޒިލުން ތަޞައްވަރު ކުރެއްވެނީ، ޑިޖިޓަލް ވިއުގައިގެ ތެރޭގައި، ގަނެވިއްކުމުގެ ވިޔަފާރީގައި ދިވެހިން އަވަދިނެތި އުޅޭ މަންޒަރު ކަމަށާއި އޮންލައިން ބާޒާރެއްގެ ތެރެއަށް ދިވެހި ވިޔަފާރިތައް މޫލައިގެން ދާނެ ގޮތް ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫ އިން ގެނެސްދެމުންދާ ކުރިއެރުން ފާހަގަކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީގެ ކުރިންވެސް އުރީދޫ އިން ވަނީ، ރާއްޖޭގެ މުވާޞަލާތީ ޚިދުމަތްތަކަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައި ކަމަށެވެ. މިގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް، މި ދާއިރާއިން ގެނެސްދިން. ޓޫ-ޖީ އެޖް، ތްރީ-ޖީ އަދި ފޯރ-ޖީގެ ޓެކްނޮލޮޖީ، އެންމެ ފުރަތަމަ ރާއްޖެއަށް ތަޢާރަފްކޮށްދިނީވެސް އުރީދޫ އިން ކަމަށާއި އަދި މުޅި ރާއްޖެއަށް އެންމެ ފުރަތަމަ ފޯރ-ޖީގެ ޚިދުމަތް ފެތުރިގެންދިއައީވެސް އުރީދޫ ނެޓްވޯކްގެ ތެރެއިން ކަމަށެވެ.
"ސީ.އީ.އޯ ނަޖީބް ޚާންގެ ވާހަކަފުޅުން، އަޅުގަނޑަށް އެނގުނީ، މިރޭ މި ތަޢާރަފްކުރި މޫލީ ޕްލެޓްފޯމަކީވެސް ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި، އޭގެ ބޭނުން ހިފޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއްކަން. އެހެންކަމުން، މިފަދަ ބޭނުންތެރި ވަސީލަތެއް ތަޢާރަފްކުރެއްވިކަމަށްޓަކައި، އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓަށާއި ހީވާގި މުވައްޒަފުންނަށް، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން، ދިރިއުޅުމުގެ ޑިޖިޓަލް ވައްޓަފާޅިއަކަށް، ދިވެހިން ބަދަލުވާން ފަށައިފި ކަމަށާއި އަޅުގަނޑުމެންގެ އަސާސީ ކިތަންމެ ކަމެއް މިހާރު ޑިޖިޓަލްވެއްޖެ ކަމަށެވެ. "ސްކޫލް މަދަރުސާތަކުގައި އެ އަންނަނީ، ޑިޖިޓަލް ލައިބްރަރީތައް ހުޅުވަމުން. ކިޔަވައިދިނުމަށް ޑިޖިޓަލް ކްލާސްރޫމްތައް ބޭނުންކުރަން ފަށައިފި."
"އަމިއްލަ ރަށުގައި ތިބެގެން، ދުނިޔޭގެ ބާޒާރުގައި ރަށު ފަތުރުވެރިކަން ވިއްކުމަށް، އައިލެންޑްސް ޑޮޓް އެމްވީގެ ނަމުގައި ވެބް ޕޯޓަލްއެއްވެސް ތަޢާރަފްކުރެވިއްޖެ. އެއީ، ރަށުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކަކާއި ވަސީލަތްތައް، ރަށު ކައުންސިލް މެދުވެރިކޮށް އިސްތިހާރު ކުރެވޭނެ ޕްލެޓްފޯމެއް."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހި މަސްވެރިންނަށްޓަކައި، މަސްދޯނި އެކައުންޓް ތަޢާރަފްކުރެވިއްޖެ ކަމަށާއި މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު، ބޭންކުގެ ޚިދުމަތްތައް މިހާރު އެހެރީ، މަސްދޯނީގެ މަސްވަތާ ހަމައަށް ތިރިކުރެވިފައި ކަމަށެވެ. "ޓެކްސީގެ ޚިދުމަތް ހޯދުމަށްވެސް، މޯބައިލް އެޕްލިކޭޝަންތައް މިހާރު އެހެރީ ފައްކާކުރެވިފައި. އޮފީސްތަކާއި ކުންފުނިތަކުގެ ޚިދުމަތްތައް، ސްމާރޓް ފޯނުގެ ޒަރީޢާއިން ހޯދޭނެ ގޮތްތައް އެ އަންނަނީ ހަމަޖެހެމުން."